twitterviber whatsapp telegramfacebookyoutube instagram
4th June 2025

ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސަތަ އިރުގެ ހަކަތައަށް ބަދަލުކުރަނީ

Jun 2, 2025

ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސަތަ އިރުގެ ހަކަތައަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި އެމްޑަބުލިއުއެސްސީ އާއި ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަންއާ ދެމެދު ސޮއިކޮށްފި އެވެ.

މާލޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން މުހައްމަދެވެ. އަދި ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކެށީ އައިބާ އެވެ. މިރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އިށިގާމީ ރުމިކޯ، މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު، ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑަބުލިއުއެސްސީ ބުނީ، މި މަޝްރޫއުގައި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރ.އޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރުމާއި، 1450 ކިލޯވޮޓްއަވަރ ގެ ބެޓެރީ ސިސްޓަމެއް ހިމެނޭ ކަމަށެވެ.

އަދި ކުޅުދުއްފުށީގެ ފެނުގެ ނިޒާމު 100 އިންސަތަ އިރުގެ ހަކަތައަށް ބަދަލުކުރުމަށް ހިންގޭ މި މަޝްރޫއަށް ދާނެކަމަށް ލަފާކުރެވޭ ޖުމްލަ ހަރަދުގެ 27 އިންސަތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީ އެވެ. މީގެ އިތުރުން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކެނެޑޭވިޔާގެ ފަރާތުންވެސް މަޝްރޫއަށް ބޭނުންވާ ޖުމްލަ ހަރަދުގެ 27 އިންސަތަ ހިއްސާ ކުރާނެ އެވެ. މަޝްރޫއަށް ހިނގާނެކަމަށް ލަފާކުރެވޭ ޖުމްލަ ހަރަދުގެ 46 އިންސަތަ ހިއްސާ ކުރާނީ އެމްޑަބްލިޔުއެސްސީ އިންނެވެ.

އެމްޑަބުލިއުއެސްސީން މައުލޫމާތު ދޭގޮތުގައި މިމަޝްރޫއުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ އެވެ. އަދި ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ހިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެއެވެ.

މިއާއެކު، ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖުތިމާއީ އަދި އިގުތިސޯދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިމަޝްރޫއު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ކުންފުނިން ދެކެ އެވެ.

މި މަޝްރޫއުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު މި ކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަން ދިޔުން ހުއްޓުވޭނެކަމަށް އެމްޑަބުލިއުއެސްސީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355