twitterviber whatsapp telegramfacebookyoutube instagram
23rd March 2026

އިރުގެ ހަކަތަ ބޭނުންކޮށްގެން ކުޅުދުއްފުށީގައި ފެން އުފައްދަން ފަށަނީ

ނަބީލާ އިސްމާޢީލް
Mar 23, 2026

ކުޅުދުއްފުށީގައި އަންނަ މަހުން ފެށިގެން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދޭނެ ކަމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީން) މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

މަތީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ފެނުގެ ދުވަސް އިއްޔެ ފާހަގަކުރި އިރު، ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ޔަގީންކުރުމަށް ސަރުކާރުން ކުރަމުންދާ ބައެއް ހާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމާއިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ހިދުމަތް ރައްޔިތުންނަށް ކަށަވަރުވާނެ ގޮތަކަށް ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުން ކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޔާސަތެއް ކަމަަށް ވިދާޅުވިއެވެ.

"ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމު ކުރުމަށް 2025 ވަނަ އަހަރު ކުޅުދުއްފުށީގައި ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ ނިމިފައި. މިހާރު ކުރިޔަށް ގެންދެވޭ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އެޕްރީލް މަހުން ފެށިގެން ކުޅުދުއްފުށީގައި ޑީސަލްއާ ނުލައި މުޅި ރަށަށް ބޭނުންވާ ވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެން ދާނެ." މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ އެއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ދިނުމުގެ އާ ބާބެއް ފެށިގެން ދާނެ ކަމަށެވެ. އަދި އެއީ ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޖަޕާނުގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ހުރި އާރްއޯ ޕްލާންޓަކާއި، 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއްގެ އިތުރުން 1450 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމެއް ވަނީ ޤާއިމުކޮށްފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއަށް ހިނގި ހަރަދުގެ 27 އިންސައްތައަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން ޖީއީސީގެ ހިލޭ އެހީ ކަމަށެވެ. އަދި މި ނިޒާމާއެކު ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމަށް ބޭނުންވާ ހަކަތައިގެ 100 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީ އަކީ ދިވެހި ސަރުކާރާއި ޖަޕާނުގެ ހިޓާޗީ ކުންފުންޏާ ހިއްސާއޮންނަ ތަނެކެވެ.

އެމްޑަބްލިއުއެސްސީ ފެންއުފައްދާ ތަން ރަށުގެ އުތުރުކޮޅުގައި ގާއިމްކޮށްފައި އޮއްވާ ރައީސް ޔާމިން ސަރުކާރުން ކުއްލިއަކަށް ވަނީ އެތާގައި އެއާޕޯޓެއް އަޅާފަ އެވެ. އެ އިރު ފެންއުފައްދާތަން ވަނީ ބަދަލުނުކުރަން ނުފެށިއެވެ. ނަމަވެސް ޔާމިންވެރިކަމަށްފަހު އައި އެމްޑީޕީ ވެރިކަމުގައި އެތަން ދެކުނުކޮޅު އެމްޑަބްލިއުއެސްސީގެ އޮފީސް އިމާރާތް ސަރަހައްދަށް ބަދަލުކުރަން ނިންމާ އެ މަސައްކަތް ވަނީ ފަށާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355