ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތަށް ދިރާސާ ފަށާފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމުގައި ވާހަކަދައްކަމުން ފަހްމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
މި މަސައްކަތް ނޯވޭގައި ކާމިޔާބުކަމާއެކު ހިނގަމުންދާތީ އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް އެ މަސައްކަތް ބަލައި، ތަޖުރިބާ ހޯދުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ ރާއްޖޭގައި ނަމޫނާއަކަށް ވެގެންދާނެ ފަދަ ބިޔަ މަޝްރޫޢެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި، އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެއް މާ ސާފުތާހިރުވާނެ،" ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން، 500 މީޓަރު އަޑީގައި ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ކުޑަވާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ. އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ، މިއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
ތިލަމާލެ ބުރިޖާއެކު މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. އެގޮތުން ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށްފަހު މާލެއާއި ހުޅުމާލެއަށް ފެން ސަޕްލައި ކުރުމަށް ރާވާފައިވާ ކަމަށާއި، ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް މި މަޝްރޫޢު ފެށުމަށް ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.




