ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ސިއްހީ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި ވިދާޅުވީ ބޮޑެތި ބަލިތަކަށް ފަރުވާރު ކުރުމަށްޓަކައި ސަލާންޖެހުން ހުއްޓުވުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ ސިއްހީ ފަރުވާގެ ނިޒާމު ލާމަރުކަޒީކޮށް އެމީހަކު ދިރިއުޅޭ ރަށަކުން އެންމެ އެކަށޭނަ ފަރުވާ ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިއުގަޔަކުން މިހާރު ގުޅާލެވިފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ވަކި ޖިންސަކަށް އަދި އުމުރަކަށް އަދި ނަސްލަކަށް ނުވަތަ އެ މީހަކު ނިސްބަތްވާ ތަނަކަށް ބަލައިގެން ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު އެންމެންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ ސިއްހީ ހިދުމަތަށް ސަރުކާރުން މިއަހަރު ކަނޑައަޅާފައިވާ އަމާޒު ކަމަށެވެ.
އެގޮތުން ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްތައް މިއަހަރު ބޮޑަށް އަމާޒުކުރެވިގެންދާނީ އިބްތިދާއީ ސިއްހީ ހިދުމަތް ފުޅާކުރުމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކޮންމެހެން ބޭނުންވާ ކަންތައްތައް ހަމަހަމަކަމާއެކު އެންމެންނަށް ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށް ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
މުޅި ދުނިޔެވެސް މިއަދު ގަބޫލުކުރާގޮތުގައި ފުރިހަމަ ސިއްހީ ހިދުމަތަކީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ލިބެންޖެހޭނެ އިންސާނީ ހައްގެ ކަމަށާއި ނަމަވެސް އެއީ ދިވެހިރާއްޖެއިން މާކުރިއްސުރެ ގަބޫލުކޮށް ނަގަހައްޓަމުން އަންނަ އަސާސެއް ކަމަށް ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އިބްތިދާއީ ސިއްހީ ހިދުމަތްތަކުގެ ތެރެއިން ގިނަ ހިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދެމުން އަންނަނީ މުޅިން ހިލޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަނގަޅު ސިއްހީ ނިޒާމެއްގެ އެންމެ ފުރަތަމަ މަރުޙަލާއަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހާސިލުކުރެވޭނީ އާންމު ސިއްހަތާމެދު އަދި އެއިރެއްގައި ފެތުރެމުންދާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށެވެ.
އާންމު ސިއްހަތުގެ ހޭލުންތެރިކަމުން ފެށިގެން ބޭސްފަރުވާގެ ކަންތައްވެސް ސާމިލުވާ ވަށައިޖެހިފައިވާ ސިއްހީ ހިދުމަތުގެ ނިޒާމެއް ބިނާކުރުމުގައި އެންމެން ގުޅިގެން އައު މަސައްކަތްތަކެއް ފެށުމަށް ސިއްހީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަނީ ގޮވައިލައްވާފައެވެ. ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކުގެ ސިކާރައަކަށްވެ ދިރިއުޅުމުގެ ކަންނެތް އާދަތަކަށް ދީލައިނުލައި، ހަރަކާތްތެރި ދިރިއުޅުމަކަށް އަލުން އެނބުރި އައުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.