twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

އިބްރާހިމް ހަމީދު
Apr 18, 2019
3

ހޯމް މިނިސްޓްރީގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ދޫކުރަން ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ ލޯކަލް މާރުކޭޓްގެ ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވިފައިވާކަމަށާއި ގޮޅިތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން އަގަކަށް ކަމަށެވެ.

އެގޮތުން ބައްތިރީސް ގޮޅި ހިމެނިފައިވާއިރު ބަންދުކުރެވޭގޮތަށް ހުރި ދެ ގޮޅި ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ މަހަކު 1200 ރުފިޔާއަށެވެ. އަދި ފަސްދޮޅަސް ހަތް އަކަފޫޓްގެ ސައްބީސް ގޮޅި ދޫކުރަނީ މަހަކު 1000 ރުފިޔާއަށް އަދި ފަންސާސް ހަތް އަކަފޫޓްގެ ހަތަރުގޮޅި ދޫކުރަނީ މަހަކު 800 ރުފިޔާ އަށެވެ.

ކައުންސިލުން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ މިގޮޅިތައް ކުއްޔަށް ހިފަން ސައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ އޭޕްރީލްމަހު ފަންސަވީސްވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ފޯމް ކައުންސިލް އިދާރާއަށް ހުށައަޅަން ވާނެކަމަށެވެ.

އެކަމަށް ހާއްސަކުރެވިފައިވާ ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ކައުންސިލްގެ ވެބް ސައިޓުން ލިބެން ހުންނާނެ ކަމަށާއި އަދި އެގޮޅިތައް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ އެއްއަހަރުދުވަހުގެ މުއްދަތަކަށެވެ. ގޮޅިތަކަށް ކުރިމަތިލާއިރު ކުއްޔަށް ހިފާފަރާތްތަކުގެ ކިބައިވަކި ޝަރުތުތަކެއް ހުންނަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައިވަނީ ގަވައިދާ ހިލާފުވެގެން ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ކުރެވިފައިވާ ޖޫރިމަނާއެއް ނުދައްކަވާ ފަރާތެއްކަމުގައި ނުވުމާއި ކޯޓް އަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް އޮތް މީހެއްކަމުގައި ނުވުމާއި ކޯޓްއަމުރެއްގެ ދަށުން ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ދެއްކިތާ އެއްއަހަރު ދުވަސްވެފައިވާ މީހެއްކަމުގައިވުން އަދި ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްކަމުގައި ނުވުމާއި އަދި އެފަދަ ހުކުމެއް ތަންފީޒުކުރިތާ އެއްއަހަރު ވެފައިވާ މީހެއްކަމުގައި ވުން ލާޒިމްވާ ކަމަށެވެ.

ދިވެހި އުފެއްދުންތަކަށް ވިއްކުމަށް ހާއްސަ ކުރެވިގެން ހެދި މި މާރުކޭޓްގައި ޖުމްލަ 30 ގޮޅި ހުންނައިރު އެތަނުން 2 ގޮޅި ހާއްސަކުރެވިފައިވަނީ ވަޅޯމަސް ވިއްކުމަށްށެވެ. އޮފީސް ބަޔަކާއި ފާޙާނާވެސް މި މާރުކޭޓްގައި ގާއިމުކުރެވިފައިވެ އެވެ. މިމާރުކޭޓް ހުޅުވައިދެއްވީ މިދިޔަ މާރޗްމަހުގެ ތެރޭގައި ހޯމް މިނިސްޓަރު ޝެއިހް އިމްރާނު އަބުދުﷲ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355