އިއްޔެ ސްރީލަންކާގައި ޓެރަރިސްޓް ހަމަލާތަކެއްދީ ބޮން ގޮއްވާލި ހާދިސާގައި މަރުވި މީހުންގެ އަދަދު 290 އަށް އަރާ އެތަށް ބަޔަކު ޒަހަމުވެފައިވާ ކަމަށާއި ހަމަލާ ދިނުމުގެ ތުހުމަތުގައި މިހާތަނަށް 24 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ހަބަރުތަކުން ރިޕޯޓްކޮށްފައިވާއިރު މި އަދަދު އިތުރު ވުމަކީ އެކަށީގެން ވާ ކަމެއްކަމަށް މީޑިއާތަކުން ދަނީ ބުނަމުންނަވެ.
ލަންކާގައި އިއްޔެ ކުއްލި ހާލަތު އިއުލާކުރި ނަމަވެސް މިއަދު ހެނދުނު 6:00 ގައި ވަނީ ވަގުތީގޮތުން ކުއްލި ހާލަތު އުވާލުމަށްފަހު މިރޭ 8:00 ން ފަތިހު 4:00 އާއި ހަމައަށް ކުއްލި ހާލަތު އަނެއްކާވެސް އިއުލާނު ކޮށްފަ އެވެ.
ބައެއް ފައްޅިތަކާއި ޓޫރިސްޓް ހޮޓާތަކަށް ޖާނުން ފިދާވެގެން ދިން މި ހަމަލާތަކާ ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ 24 މީހަކުވަނީ ހައްޔަރުކުރެވިފައިވާ އިރު މީގެ ތެރޭގައި އަންހެނުން ވެސް ހިމެނެއެެވެ.
ސެއިންޓް އެންތަނީސް ޗާޗާއި ކަޓުވަޕިޓިޔާ ޗާޗާއި ޝަންގްރިއްލާ އާއި ސިނަމަން ގްރޭންޑް ހޮޓަލުގައި ހަމަލާ ދީފައިވަނީ އަމިއްލަ އަށް މަރުވެގެން ބޮން ގޮއްވާލައިގެންނެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 452 އަށްވުރެން މަތީގައި އުޅޭއިރު ޓެރަރިޒަމް ހުއްޓުވަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަލާމަތީ ބާރުތަކަށް ވަނީ ދީފަ އެވެ.
މި ހަމަލާތަކުގެ ތަހުގީގަށް ލަންކާއިން ބޭރުގެ އެހީތެރިކަމަށް އެދިފައިވާއިރު މިއަދުވެސް ޕެޓާގައި ހުންނަ ބާސްޓިއަން މާވައްތަ ޕްރައިވެޓް ބަސް ސްޓޭންޑް ކައިރިއަށް ބޮން ގޮއްވަން ބޭނުންކުރާ 87 ޑެޓޮނޭޓާ އުކާލާފައި ހުއްޓާ ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.