ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ނިންމައި ހުށައެޅި އިސްލާހުގެ ބިލް މަޖިލީހުން ފާސްކޮށް އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު ރާއްޖޭގެ ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ނުވުމުގެ އިތުރުން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ބިމެއް ކުއްޔަށް ނުވަތަ އެ ނޫން ވެސް ބޭނުމަކަށް ދެވޭނީ ކުރިން ވެސް ގާނޫނުއަސާސީގައި އޮންނަ ގޮތަށް އެންމެ ގިނަވެގެން 99 އަހަރަށެވެ.
ގާނޫނުއަސާސީ ފުރަތަމަ އެކުލަވައިލިއިރު ވެސް އޮތީ ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭ ގޮތަށެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށް ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް އިސްލާހު ގެނައީ އެގޮތަށް ވިއްކާ ބިންތަކުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ލާޒިމްވާ ގޮތަށް ގާނޫނުއަސާސީ އަށް ބާބެއް ވެސް އިތުރު ކުރުމަށް ފަހު އެވެ. ނަމަވެސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން އެ ބާބު ވެސް މިހާރު ވަނީ އުވިފަ އެވެ.
ބިދޭސީންނަށް ބިން މިލްކު ކުރެވޭ އިިސްލާހު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ.