ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ބައިކް ޓްރެކްގައި މި މަހު 26 އަދި 27 ވަނަ ދުވަހު އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް ބާއްވަން ވަނީ ހަމަޖެހިފައެވެ.
މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕްގެ ނަމުގައި 2 ދުވަހުގެ މުއްދަތަށް ބާއްވަން ހަމަޖެހިފައިވާ މިމުބާރާތް މިއީ ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ މުބާރާތެކެވެ. މިއީ މިމުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މިއައަހަރުގެ މުބާރާތުގައި 16 ސްކޫލަކުން 515 ކުދިން ބައިވެރިވެފައިވާކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.
މި މުބާރާތުގައި މިފަހަރުވެސް ތަފާތު 25 ރޭހެއް 3 އުމުރުފުރާގެ މެދުގައި ކުރިއަށްދާނެއެވެ. އެއީ 14 އަހަރުން ދަށް 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިންނެވެ.
މީގެ އިތުރުން 12 އަހަރުން ދަށުގެ އުމުރު ފުރާއަށް ހާއްސަ ކޮށްގެން ބާއްވާ "ފަން ރައިޑް" ގެނަމުގައި ހާއްސަ ބައިސްކަލު ރޭހެށް ބާއްވަން ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެ އެވެ.
މި މުބާރާތުގެ ރޭސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 26 ވަނަ ދުވަހު ހެނދުނު 7:00 ން 09:00 އަދި 27 ވަނަ ދުވަހު ހެނދުނު 07:00 ން ހަވީރު 16:00 ގެ ނިޔަލަށެވެ. އަދި މި މުބާރާތް ނިންމުމުގެ ރަސްމިޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެ 16:00 އެވެ.
ބައިސްކަލް ދުއްވުމަކީ ތިމާވެއްޓަށް ފައިދާ ހުރި ކަމަށްވެފައި ދިވެހިރާއްޖެއަށް އެކަށީގެންވާ ކަމެކެވެ. ދިރާގުގެ އަމާޒަކީ ބައިކް މޯލްޑިވްސްއާއި ގުޅިގެން މިފަދަ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ސްކޫލް ދަރިވަރުން އަށަގެންނެވުމަށް ބާރުއެޅުވުން ކަމުގައި ދިރާގުން ބުނެއެވެ.