twitterviber whatsapp telegramfacebookyoutube instagram
28th March 2024

އެފްއާރުއެސް "ފަޔާރ ޕްރިވެންޝަން ވީކް" ގެ ނަމުގައި ޕަރޮގްރާމެއް ފަށަނީ

ނަބީލާ އިސްމާޢީލް
Apr 28, 2019

މި އަހަރު ރޯދަމަހާ ދިމާކޮށް އަލިފާނުގެ ހާދިސާތަކުން އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން "ފަޔަރ ޕްރިވެންޝަން ވީކް 2019" ގެ ނަމުގައި ޕްރޮގްރާމެއް ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ހަތް ދުވަހުގެ މުއްދަތަށް މާލޭގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ރޯދަ މަހަކީ ގޭބިސީތަކުގައި އާންމުން ބަދިގޭގައި ހޭދަކުރާ ވަގުތު އިތުރުވާ މަހެއްގެ ގޮތުގައި ފާހަގަވެފައިވާތީ ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ޕްރޮގްރާމެކެވެ.

އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް މަދުކުރުމަށް އާންމު ރައްޔިތުންނާއި ވީހާވެސް ގާތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި ޕްރޮގްރާމްގެ މަގްސަދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި އެމްއެންޑީއެފުން ހާމަކުރެއެވެ.

މިއަހަރުގެ "ފަޔަރ ޕްރިވެންޝަން ވީކް" ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައެވެ. އަދި އެމްއެންޑީއެފް އޭރިއާތައް ހިމެނޭ ރަށު ކައުންސިލްތަކާ ގުޅިގެން މިއަދުން ފެށިގެން އަންނަ މެއި މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެމްއެންޑީއެފް އޭރިއާތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ.

އަދި މި ޕްރޮގްރާމްގައި ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަކޮށްގެން ވެސް އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ކުލާސްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި "ފަޔަރ ޕްރިވެންޝަން ވީކް" ޕްރޮގްރާމްގައި އަލިފާނުގެ ނުރައްކަލަށް ހޭލުންތެރިކުރުވުމުގެ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތަކާއި އޮފީސް މާހައުލާއި ގޭތެރޭގައި ދިމާވެދާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީ ހޭލުންތެރިކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކައްކާ ގޭސް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި އަލިފާން ރޯވެއްޖެނަމަ ނިއްވާލާނެ ގޮތުގެ ލައިވް ޑެމޮންސްޓްރޭޝަން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355