ޖެހުނުތަނަކަށް ކުނި އެޅުމުގެ އާދަ ދޫކޮށްލަން ޖެހޭކަމަށާއި ތިމާގެ ވެށި ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކާ ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ގޮވާލައްވައިފި އެވެ.
ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ އަމިއްލަ ގުރޫޕެއްކަމަށްވާ ބިލީފް އާއި ދި އެމެރިކަން ސެންޓަރ އޮފް މޯލްޑިވްސް އަދި ގިނަ ބަޔަކު ގުޅިގެން މިއަދު ހަވީރު ކުޅުދުއްފުށީ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވަމުން ކައުންސިލް ރައީސް އަބުދުލް ލަތީފް ވިދާޅުވީ އެކި ހަރަކާތްތަކުގައި އުޅެފައި ނިންމާލާފައިދާއިރު ކުނީގެ ގޮތުގައި ބޭނުންކުރާ ގިނަ އެއްޗެހިތަކެއް ދަނީ އެތިބިތާކަށް ދޫކޮށްލާފަ ކަމަށާއި އެފަދަ އާދަތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިފަދަ ސާފުކުރުމުގެ ގިނަ ހަރަކާތްތަކުގައި ނަގަން ޖެހެނީ އެގޮތަށް އެކިއެކި ސަރަހައްދުތަކަށް އުކާލެވިފައި ހުންނަ ކުނީގެ ބާވަތްތައް ކަމަށެވެ.
" ދަތުރެއް ދިޔަކަމުގައި ވިޔަސް މާހެފުމެއް ބޭއްވިކަމުގައި ވިޔަސް ކުޅިވަރު ހަރަކާތެއްގައި އުޅުންކަމުގައި ވިޔަސް ބޭނުންކޮށް ހުންނަ ތަކެތި (ފުޅި އާއި ޕެކެޓް ފަދަ ތަކެތި) އެއްވެސް ވަރަކަށް މަގުމައްޗަށް ނުވަތަ ގޮނޑުދޮށަށް ނުވަތަ އެކި ތަންތަނަށް ނުއުކުމަށް އާދައެއް އެބަ ގެންގުޅެން ޖެހޭ". ލަތީފް ވިދާޅުވި އެވެ.
ކުޅި އެޅުމަށް އަބަދުވެސް ޑަސްބިން ފަދަ ތަކެތި ބޭނުންކުރުމަށާއި އަދި ޑަސްބިން ނުހުންނަށް ތަންތާގައި ނަމަ އެފަދަ ތަކެތި ގެއަށް ގެންގޮސް ޑަސްބިނަށްލުމަށް އޭނާ އެދިލެއްވި އެވެ.
"ސްކޫލު ދައުރު ނިމުމަށްފަހުވެސް އެބަޖެހޭ މިއާދަ އެބަޖެހޭ ގެންގުޅެން. މިއީ އެއްދުވަހުން ދެވަހުން ކުޅެވޭނެ ކަންތައްތަކެއް ނޫން. އަބަދުވެސް މިއާދަ ގެންގުޅެން އެބަޖެހޭ. ހުރިހާ ފަރާތްތަކުންވެސް ތިމާވެށި ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކާ މަސައްކަތް ކުރަން އެބަޖެހޭ." ލަތީފް ވިދާޅުވި އެވެ.
ބިލީފާއި ދި އެމެރިކަން ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމުގައި ކުޅުދުއްފުށީ ކައުންސިލާއި އެންވަރަމެންޓް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، ފަވޮޕެކްގެ އިތުރުން ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލް ބައިވެރިވި އެވެ.