ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިންސްޓްރީން ބުނެފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް މިހާބޮޑަށް ޖާގައިގެ ދަތިކަން ދިމާވެގެންދިޔައީ ނިމިދިޔަ ޔާމީން ސަރުކާރުން ހޮސްޕިޓާ ހިންގުމަށް ހަވާލުކުރި އިންޑިޔާގެ ނިމްސް ކުންފުނިން ސީޓީ ސްކޭން މެސިނާއި އެމްއާރުއައި މެޝިން ބެހެއްޓުމަށްޓަކާ ހޮސްޕިޓަލް ގޯތިތެރޭގައި ޖާގައޮވެ އާއިމާރާތެއް އެޅުމުގެ ބަދަލުގައި ބަލިމީހުން ބޭތިއްބުމަށް ބޭނުން ކުރަމުން ގެންދިޔަ ވޯޑެއްތަޅާލުމުގެ ސަބަބުންނެވެ.
ކޭއޯއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހުރިކަން އެނގޭކަމަށާއި ދާދި ފަހުން ވާނީ މިނިސްޓްރީގެ ޓީމެއް ހޮސްޕިޓަލަށް ގޮސް އެސެސްމެންޓްހަދާފައިކަމަށެވެ. އަދި މިހާރުވާނީ އެމަޖެންސީ އޭރިޔާއެކު ކުރަހާފައިވާކަމަށެވެ.
"މިހާރު އެމަޖެންސީ އޭރިއާކޮށް އޭނދީ ކުރަހާފަ އިނގޭތޯ އަޅުގަނޑުމެންނަށް އެގޭ މުޅި ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީގެ ދަތިކަން އެސެސްޓްމެންޓް ހަދައިފިން. މިހާރު އެމަސައްކަތް ކުރިއަށް އެބަދޭ." ތަސްލިމާ ވިދާޅުވި އެވެ.
އިތުރަށް ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ތަސްލީމާ ވިދާޅުވީ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް މިހާރުން މިހާރަށްވެސް ގެނެވޭތޯ ސެންޓަރ ޕެރެލައިޒޭޝަން ޑިޕާރޓްމަންޓާއި ލޭބަރރޫމް އަދި ކާޑިއޯ ޑިޕާޓްމަންޓުގެ ބައެއް މަސައްކަތްތައް ކޮށްދޭން ފަރާތެއް ހޯދުމަށް މިފެށޭ ހަފްތާގެ ތެރޭގައި އިއުލާން ކުރެވިގެންދާނެކަމަށާއި މިއީ އެއްގޮތަކަށްވެސް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއީމީ ހައްލެއް ނޫންކަމަށެވެ.
ނަން ހާމަކުރަން ބޭނުންނުވާ ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ ހޮސްޕިޓަލްގެ ދަތިކަން ހުރީ މިއަދަކު އިއްޔެއަކު ނޫންކަމަށާއި އެހެންނަމަވެސް މިހާ ބޮޑަށް ޖާގައިގެ ދަތިތަކާއި ކުރިމަތިމިވީ ހޮސްޕިޓަލްގެ ގޯތިތެރޭގައި ޖާގަ އޮވެ އެހެން އިމާރާތެއް ހެދުމުގެ ބަދަލުގައި ސީޓީ ސްކޭން މެޝިން ބެހެއްޓުމަށްޓަކައި ބަލިމީހުން ބޭއްތިބުމަށް ބޭނުން ކުރަމުންދިޔަ ވޯޑެއް ނިމިދިޔަ ޔާމީން ވެރިކަމުގައި ތަޅާލުމުގެ ސަބަބުންނެވެ.
" ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު. ޕްރައިވެޓް ވެސް ދެކޮޓަރި އަވަސް ފަރުވާދޭ މީހުން ބައިތިއްބާތަން ފިޔަވާ ކުޑަކުދީންނާއި މާބަނޑު މީހުން އޮޕަރޭޝަން ކޮށްގެން ތިބޭ މީހުންނާއި ހުރިހާ ބަޔެއްގެ މީހުން ބޭއްތިބުމަށް އެންމެ ދެ ވޯޑް މިއީ. ކަންބޮޑުވާންޖެހޭ މައްސަލައެއް އެތައް ބައެއް ކޮންމެ ދުވަހަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެއް." އެމީހާ ބުންޏެވެ.
ކުޅުދުއްފުށީގެ ރައްޔިތަކު ބުނީ ނިމިދިޔަ ސަރުކާރުންވެސް ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެންމެ އެކަށީގެންވާގޮތެއްގައި މަސައްކަތް ކޮށްފައިނުވާކަމަށާއި އުންމީދު ކުރަނީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމާއި ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދީ ފެންވަރު ރަގަޅު ހޮސްޕިޓަލަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހައްދަވައިދެއްވާނެކަމެވެ.
" ހއ . ހދ . ށ . އަތޮޅުގެ ރަށްރަށުން ގިނަ ރައްޔިތުންތަކެއް ކޮންމެދުވަހަކު ހިދުމަތް ހޯދަމުންދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޖާގައިގެ ދަތިކަން އިންތިހާށް ބޮޑުވެފައިވާއިރު މިހާރު އެހޮސްޕިޓަލްގައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދެވޭ ގޮތަށް ހުރީ އަވަސް ފަރުވާދޭނެ ވޯޑެއްގެ އިތުރުން ކުޑަކުދީންނާއި އަންހެނުންނާއި އާއްމު ބަލިތަކުގެ މީހުން ބޭއްތިބުމަށް ދެވޯޑާއި ޕްރައިވެޓް ދެކޮޓަރީގެ އިތުރުން އައިސީޔޫ އާއި ޑަޔެލިސަސް ރޫމެއް." އެމީހާ ބުންޏެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ކުރުމާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް މިނޫހުން ތަކުރާރުކޮށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީންނަށް ގުޅުއްވުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ، އެމަނިކުފާނުގެ ބަހެއް ވަނީ ނުލިބިފަ އެވެ.