އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖޭއަށް ކުރައްވާ ދަތުރުފުޅުގައި، ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު ކާގޯ ޕެސެންޖަރ ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ. މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ.
ކުޅުދުއްފުށީ-ކޮޗިން ފެރީއަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަށަން އިއުލާންކުރި މަޝްރޫއުއެކެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިން ވެއްޓުމުގެ ސަބަބުން އެކަން ނުވީކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އަލުން އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހްވެސްވަނީ އެމޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ.
އިންޑިޔާގެ ބޮޑު ވަޒީރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. މޯދީގެ މި ދަތުރުފުޅުގައި ތަފާތު 5 ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަން ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.
މިދަތުރުފުޅުގައި ރާއްޖެއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމާއި އިންޑިއާގެ ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަނެންސްއިން، ސިވިލް ސަރވެންޓުންނަށް ހާއްސަ ކެޕޭސިޓީ، ބިލްޑިންގް ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމާއި އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިޑް ޝިޕިންގް އިތުރުކުރުމުގެ އެއްބަސްވުމާއި އިންޑިއާއާއި ރާއްޖެއާއި ދެމެދު ހައިޑްރޮގްރަފީ އަދި އޯޝަން އިކޮނޮމީގެ ދާއިރާއިން ވެވޭ އެއްބަސްވުމާއި ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގް އިތުރު ކުރުމުގެ އެއްބަސްވުމެވެ.