ކުޅުދުއްފުށީގައި ދިރިއުޅެމުންދިޔަ އަންހެނަކު އަތުން އޭނާ ދަރިފުޅު ޖެންޑާއަށް ނެގި މައްސަލާގައި އަމަލުކޮށްފައިވަނީ އާންމުކޮށް އެ މިނިސްޓްރީން އަމަލުކުރަމުންދާގޮތަށް ނޫންކަމަށް ބުނެ އެކުއްޖާގެ މަންމަ ކަންބޮޑުވުންފާޅުކޮށްފި އެވެ.
ކުޅުދުއްފުށީ ފިރިހެންނަކާ ކައިވެނިކޮށްގެން އުޅޭ މި އަންހެން މީހާގެ ދަރިފުޅު ޖެންޑާއަށް ނަގާފައިވަނީ މިދިޔަ ހަފްތާގައި އެކުއްޖާ ގޭގެ އުޅެނިކޮށް ނެވެ. ދެ އަހަރުގެ އެ ކުއްޖާގެ މަންމަ ކޭއޯއަށް މައުލޫމާތު ދެމުން ބުނީ އެދުވަހު ޖެންޑާގެ ތިން އޮފިޝަލަކު ގެއަށް އައިސް ދަރިފުޅު އުރުގައި އިންދާ އަތުލައިގެން ގެންދިޔައީ ކަމަށެވެ.
" ޖެންޑާ މީހުން އައިސް ބުނީ މިއައީ ދަރިފުޅު ބަލައޭ. ދެން އަހަރެން ބުނިން ކިހިނެތްވީހޭ. ސުވާލުކުރަން ފެށުމުން އެމީހުން ބުނީ ބާރުގެ ބޭނުންކުރަންވީހޭ. އެހެން ކިޔާފަ ދަރިފުޅު އަޅުގަނޑު އުރުގައި އިންދާ ގެންދިޔައީ. އެއްވެސް ލިޔުމެއްވެސް ނުދޭ." 18 އަހަރުގެ އެ މަންމަ ބުންޏެވެ.
އެ އަންހެން މީހާއަކީވެސް ޖެންޑާގެ ބެލުމުގެ ދަށުގައި ހުރުމަށްފަހު ކައިވެންޏެއް ކުރި މީހެކެވެ. އެ އަންހެން މީހާ ބުނީ، އޭނާގެ ދަރިފުޅު ޖެންޑާއަށް ނެގީ އެފަދަ އެހެން މައްސަލަތަކުގައި އަމަލުކުރާ އުސޫލަށް ނޫން ކަމަށެވެ.
" އެކި ފަހަރު އެކި ގޮތަށް ބުނީ އެއްފަހަރު ބުނީ ގޭގެ ބިއްދަށް ހަޑިވީމަ އޭ.އަނެއް ފަހަރު ބުނީ އިހުމާލުވީމަ އޭ." ގދ ނިސްބަތްވާ އެމީހާ ބުންޏެވެ.
އޭނާ މިއަދާ ހަމައަށްވެސް ދަރިފުޅު ޖެންޑާއަށް ނެގި ސަބަބުން ސާފުކޮށްދީފައިނުވާ ކަމަށާއި އިހުމާލެއްވެފައިވާނަމަ އެއީ ކޮން އިހުމާލެއް ތޯ ވެސް ބުނެދީފައިނުވާކަމަށެވެ. ނަމަވެސް ދަރިފުޅު ޖެންޑާއަށް ނެގިތާ އެއްދުވަސްފަހުން ދައުލަތަށް ދަރިފުޅު ނެގިކަމުގެ ލިޔުމެއް ހަވާލުކުރި ކަމަށް އޭނާ ކިޔައިދިނެވެ.
އޭނާ ކިޔަދިންގޮތުގައި ދަރިފުޅު ކުޅުދުއްފުށީގައި ހުންނަ ޖެންޑާގެ އުފަންހިޔާއަށް ގެންގޮސް އޭނާއަށް އެންގުމަކާވެސް ނުލައި އަދި ކުއްޖާ ދައްކާވެސް ނުލާ ނ އަތޮޅުގައި ހުންނަ ޖެންޑާގެ ހިޔާއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ އުފަންހިޔާގައި ކުއްޖާ ހުރި ދުވަސްތަކުގައި ޖެންޑާއިން އެކުއްޖާއަށް އިހުމާލުވެފައިވާކަމަށް އޭނާ ބުންޏެވެ.
އެގޮތުން ކުއްޖާ ނިންދަވާފަ ބޭއްވުމަށްފަހު އެތަނުގެ މުވައްޒަފުން ބޭރު ގޭޓް ކައިރީގައި ހުންނަ ކަމަށާއި އަދި ކާ ދިނުމުގައިވެސް އިހުމާލުވެފައިވާ ކަމަށެވެ.
" ދަރިފުޅަށް ކާނީ ގަރުދިޔަ އާއި ރޮއްޓާ.ރޮށި ވަރަށް ކުދިކޮށް ފުނޑުވާފަ ގިނައިން ގަރުދިޔަ އަޅައިގެން ކާނީ. އެކަމަކު އަޅުގަނޑު، ދަރިފުޅު ދެކިލަން ދިޔަ ދުވަހަކު އޭނާއަށް ކެއުމަށް ހަދާފައިހުރި ތަށި ފެނުމުން ވަރަށް އަސަރުކުރި. ބޮޑެތިކޮށް ރޮށި ވީދާފަ ހުރީ. މަދުން ގަރުދިޔަ އަޅާފަ ހުރުމުން ހުރުމުން ތަށި ހުރީ ވަރަށް ހިކިފަ." ކުއްޖާގެ މަންމަ ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި އޭނާ އާއި އޭނާގެ ދަރިފުޅަކީވެސް ޖެންޑާގެ ބެލުމުގައި ދަށުގައި ހުއްޓައި ކުޅުދުއްފުށީ މީހަކާ ކައިވެންޏެއް ކުރި މީހެއް ކަމަށާއި އެ ދެމައިން ބެލުމަށް ޖެންޑާއިން ހަވާލުކޮށްފައިވަނީ އޭނާގެ ފިރިމީހާއާ ކަމަށެވެ. ނަމަވެސް ދަރިފުޅު ގެންދިޔައިރު ފިރިމީހާއަށްވެސް އެއްވެސް އެއްޗެއް އަންގާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
ދެ އަހަރުގެ ދަރިފުޅު އޭނައާ ވަކިން ނިދަން ވަރަށް އުނގަދޫވާނެ ކަމަށާއި މަންމަގެ ލޯބި ދަރިފުޅަށް އެންމެ ބޭނުންވާ އުމުރުގައި ކުއްޖާ ގެންދިޔުމުން ފުން ހިތާމައެއް ލިބިފައިވާކަމަށް އޭނާ ބުންޏެވެ.
މި އަންހެން މީހާގެ މި ތުހުމަތުތަކާއެކު ޖެންޑާ މިނިސްޓްރީގެ ބަހެއް ހޯދުމަށް މިނޫހުން ކުރި މަސައްކަތް ވަނީ އަދި ކާމިޔާބުނުވެފަ އެވެ.