twitterviber whatsapp telegramfacebookyoutube instagram
24th April 2024

ޑޮކްޓަރުން ޗުއްޓީއަށް ދިޔުމުން އެ ހިދުމަތް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

އަބްދުލް ވާހިދު ޙަސަން
Jun 16, 2019
2

ޑޮކްޓަރުން ނުވަތަ އެފަދަ ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ، ސިއްހީ ހިދުމަތްތެރިން ޗުއްޓީއަށް ނުވަތަ ވަޒީފާއަށް ނުނިކުމެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ލޮލުގެ ބަލިތަކުގެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން އެ ހިދުމަތް އެހޮސްޕިޓަލުން މެދުކެނޑި، މީޑިއާގެ ސަމާލުކަން އިއްޔެ ވަނީ ހޯދާފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ މިހާ ހިސާބަށް އައިއިރު އެފަދަ އިންތިޒާމުތަކެއް ހަމަޖެހިފައި މިނިސްޓްރީގައި ނެތް ކަމަށެވެ. ނަމަވެސް މިހާރު މިނިސްޓްރީ އޮފް ހެލްތުގެ ސިޔާސަތުގެ ތެރެއަށް ގެނެވޭ ބަދަލުގެ ސަބަބުން ސިއްހީ ހިދުމަތްތެރިޔަކު ނެތިއްޖެ ހާލަތެއްގައި މެދުނުކެނޑި އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދާއިމީގޮތެއްގައި ޑޮކްޓަރުންގެ ހިދުމަތް ރަށްރަށުން ލިބިގެން ދިޔުން މުހިންމު. މިސާލަކަށް ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން އެ ޑޮކްޓަރުގެ ބަދަލުގައި ޑޮކްޓަރެއް ފޯރުކޮށްދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައެއް ނެތް. ނަރުހުންވެސް އަދި ޓެކްނީޝަނުންވެސް އަދި މިނޫން މަގާމުތައްވެސް." ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމުން ހެޔޮ ބަދަލުތައް ފެންނާނެ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ކަށަވަރު މިކުރަނީ ޑޮކްޓަރުން ޗުއްޓީއަށް ދިޔަކަމުގައިވިޔަސް ނުވަތަ ބަލިވެގެން ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތެއްގައި މެދުނުކެނޑި ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމުތަކަކަށް އައުން. އެކަމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިތުރަށް ޑޮކްޓަރުން ގެނެސްފައި ބޭއްތިބުމުގެ އިންތިޒާމު ހަމަޖެހިފަ ނެތުން." ހެލްތު މިނިސްޓަރު ވިދާޅުވި އެވެ

އަތޮޅުތެރޭގައި ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ޑޮކްޓަރުންނާއި މިހާރުވެސް ބަޖެޓްކުރެވިފަ ނެތް ގިނަ އަދަދެއްގެ މުވައްޒަފުން ބޭނުންވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އޮނިގަނޑުގައި ފާހަގަކުރެވިފަ ހުރި ހިދުމަތްތެރިންގެ ގޮތުގައި 2000 އެއްހާ މުވައްޒަފުން ބޭނުންވާ ކަމަށެވެ. އަދި އެންމެ ފުރިހަމަގޮތުގައި ހިދުމަތް ފޯރުކޮށްދެވޭނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދާ ހަމައަށްވެސް އޮނިގަނޑުގައި ހިމެނިފައިވާ އަދަދަށް އެއްވެސް ރީޖަނަލް ހޮސްޕިޓަލެއްގައި މުވައްޒަފުންނެއް ނެތެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހެން ހިދުމަތްތެރިންވެސް ނެތް ކަމަށެވެ. އަދި ހަމަ އެ ހޮސްޕިޓަލުތަކާ އެއްވަރަށް ވަސީލަތެއްވެސް ހިދުމަތެއްވެސް ނުލިބޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް ހޮސްޕިޓަލުތައް ފެންވަރު ރަނގަޅުކޮށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާއިރު ފަސް ހޮސްޕިޓަލެއްގެ ހިދުމަތް ފުޅާކުރަން 400 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުތައް ތަރައްގީކުރުމުގެ މަސައްކަތް ފަށައި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355