އަންނަ އަހަރުން ފެށިގެން ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ދަރަނި ދައްކަން ކަނޑައަޅަން ޖެހޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ ބޮޑުވެފައިވަނީ ދައްކަން ޖެހޭ ލޯންގެ އިންޓަރެސްޓް އެކަނި ނޫން ކަމަށާއި އެމީހުން ކޮށްދީފައިވާ މަސައްކަތްތަކުގެ އަގުވެސް ބޮޑު ކަމަށެވެ.
އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޗައިނާ އިން ނަގާފައިވާ ލޯނުތަކަކީ ކޮމާޝަލް ލޯންތަކެއް ކަމަށާއި އެކަމުގެ ސަބަބުން ދައްކަންޖެހޭ އިންޓަރެސްޓް ވަރަށް ބޮޑު ކަމަށެވެ. ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ޗައިނާއިން އެމަސައްކަތްތަކުގެ ބިލްތައް ފޮނުވީ ބޮޑުކޮށް ޖަހާފައި ކަމަށާއި އެހެންކަމުން މިހާރު މި ސަރުކާރުން އެ މަސައްކަތްތަކަށްވާ އަގާއިއެކު އިންޓަރެސްޓްވެސް ދައްކަންޖެހޭ ކަމަށެވެ.
ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ ސަބަބުން ތަރައްގީގެ ޕްރޮޖެކްޓްތައް ހަލުވި ކަމާއެކު ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެކަންކަން ހައްލު ކުރުމަށްޓަކައި ޗައިނާއާއެކުވެފައިވާ އެއްބަސްވުންތައް މުރާޖާކުރުމަށް މަޝްވަރާތައް ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.