ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ނޮޅިވަރަމްގެ ކްލަބު ތިލަދުންމަތި އަތުން ބަލިވެ ބަސީރު ސްޕޯޓް އެކަޑެމީ (ބީއެސްއޭ) މުބާރާތުން ކަޓައިފި އެވެ.
މިއަދު މެޗުން ބީއެސްއޭ ދަށްވީ 4-1 ގެ ނަތީޖާއަކުންނެވެ. ބާކީ އެއް މެޗު ބީއެސްއޭއަށް އޮތްއިރު އެ މެޗު ކުޅޭނީ ޒިގުޒެގާއި ދެކޮޅަށެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ކުލަބު ތިލަދުންމައްޗަށް ކާމިޔާބު ކޮށްދިނީ މެޗުގެ 10 ވަނަ މިނެޓުގައި އެ ޓިމުގެ މުހައްމަދު އިބްރާހިމެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 11 ވަނަ މިނެޓުގައި ހުސެއިން ވަސީމެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހަމްޒާ އަބޫބަކުރެވެ. އެއީ މެޗުގެ 37 ވަނަ މިނެޓުގައި އެވެ.
ބީއެސްއޭގެ ލަނޑު އެ ޓިމަށް ކާމިޔާބުކޮށްދިނީ 55 ވަނަ މިނެޓުގައި އަހުމަދު އިބްރާހިމެވެ. މެޗުގެ ފަހު ލަނޑު 77 ވަނަ މިނެޓުގައި ކުލަބު ތިލަދުންމައްޗަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީއެއްގައި އެ ޓީމުގެ ހުސެއިން އީސާއެވެ.
މެޗުގައި ކުލަބު ތިލަދުންމަތީގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ބީއެސްއޭއާ ދެކޮޅަށް އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބު ތިލަދުންމަތީގެ ހަމްޒާ އަބޫބަކުރެއެވެ.
މިއަދުގެ މޮޅާއެކު ކުލަބު ތިލަދުންމަތި ވަނީ ޖުމްލަ 6 ޕޮއިންޓް ހޯދާފައެވެ. ކުލަބު ތިލަދުންމަތި ޖުމްލަ 3 މެޗު ކުޅުނުއިރު 2 މެޗުން ވަނީ މޮޅުވެފަ އެވެ. ނަމަވެސް ބީއެސްއޭ މި މުބާރާތުން ކުޅުނު 3 މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ކުލަބު ތިލަދުންމަތި ދެން ބައްދަލު ކުރާނީ ކްލަބު ކޮރަލްސްއާ އެވެ.
މި މުބާރާތުގައި މާދަމާ ބައްދަލު ކުރާނީ ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަން (ހިޔާ) އަދި ނޮޅިވަރަންފަރުގެ ލައިކަން އެވެ.