ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ސްކައި އަދި ޒިގްޒެގް ބައްދަލު ކުރި މެޗު 2-0 ސްކައި ކާމިޔާބުކޮށްފި އެވެ.
މި ބައްޔާއެކު ޒިގުޒެގު މުބާރާތުން ކެޓި އިރު ބީއެސްއޭއާއި އެކު ބާކީ އެއް މެޗު ޒިގުޒެގަށް އެބައޮތެވެ. ބީއެސްއޭ ވެސް ވަނީ ކުޅުނު ތިން މެޗުން ބަލިވެ މުބާރާތުން ކަޓާފައެވެ.
ގްރޫޕް ސްޓޭޖުގައި ސްކައި ފަހު މެޗުގައި މިއަދު ކުޅުނުއިރު އެޓީމު ސެމީއަށް ދަތުރުކޮށްފައިވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރުވެ ޖުމްލަ 10 ޕޮއިންޓާ އެކީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެެވެ.
ފުރަތަމަ ހާފުގައި ޒިގުޒެގުން ލަނޑެއް ޖެހިނަމަވެސް ރެފްރީވަނީ ލަނޑު އޮފްސައިޑު ކަމަށް ނިންމާފަ އެެވެ. އެހެން ކަމުން ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުވެ އެވެ.
ދެވަނަ ހާފުގައި ސްކައިގެ ފުރަތަމަ ގޯލު ޖެހީ ލިބުނު ކޯނަރަކުން ސްކައި އިބްރާހިމް ހުސެއިން (މައްލެ) އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ދެވަނަ ލަނޑު ސްކައިއަށް ކާމިޔާބުކޮށް ދިނީ އެ ޓީމުގެ ފަރުހަތު މުހައްމަދު (ފަރޭ) ނަގައިދިން ހުރަހަކުން ހުސެއިން އަބްދުލްރަޝީދު (ބިގޭ) އެވެ.
ދެވަނަ ހާފުގައި ސްކައިގެ ހަސަން އަލީ (ބައްޑެ) ޒިގްޒެގްގެ އަންވަރު އާދަމްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ޒިގުޒެގުން ވަނީ ބޭކާރު ކޮށްލާފަ އެެވެ. ދެ ޓީމަށް އިތުރު ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ވަނީ ބޭނުން ހިފޭގޮތް ނުވެފައެވެ.
މި މެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ސްކައިގެ ޖާރޒީ ނަންބަރު 9 އިބްރާހިމް ހުސެއިން (މައްލެ) އެވެ.
ސްކައި ސެމީގައި ބައްދަލުކުރާނީ ގްރޫޕް ބީ ގެ ދެވަނަ ޓީމު ނޮޅިވަރަމްފަރު ލައިކަންސްއާ އެވެ.
ޕެންޓަގްރާމް ހިރަފުސް ކަޕުގައި މާދަމާ ބައްދަލުކުރާނީ ސެމީއަށް ދިއުމުގެ ފުރުސަތު އޮތް ދެ ޓީމު ކަމަށްވާ ޓީމް ކޮރަލްސް އަދި ކްލަބު ތިލަދުންމައްޗެވެ. މި މެޗު ވެގެންދާނީ ފޯރިގަދަ މެޗަކަށެވެ.