ކުޅުދުއްފުށީގައި އަޅާފައިވާ ރޯހައުސްތަކުގައި ކުރަން ހުރި މަރާމާތުތައް ބަލަމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ދިރިއުޅޭ ޒުވާނުން ބޯހިޔާވަހިކަން ހައްލުކޮށްދިނުމަށް އެމްޑީޕީ ސަރުކާރުން ރަށުގެ ތިން ސަރަހައްދެއްގައި ހައުސިން ޔުނިޓް ތަކެއްވަނީ އަޅަންފަށާފަ އެވެ. އެހެންނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނު ހިސާބުން އެހައުސިންގ ޔުނިޓްތަކުގައި މަސައްކަތް ހުއްޓި އެތަންތަން މިހާރުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ނިމިދިޔަ ވެރިކަމުގައިވެސް އެއްވެސް ވަރަކަށް އެތަންތަން މަރާމާތުކޮށް ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތްކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.
ކޭއޯއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ހައުސިން މިނިސްޓްރީން އަންގައިގެން މާފަލުހިޔާ (ހަސާނާތު މިސްކިތް) އިރުމަތީގައި އިމާރާތްކޮށްފައިވާ ސާޅީސް ގޭގެ ކުރަން ހުރި މަރާމާތުތައް ބަލަމުންދާކަމަށެވެ.
"އެތަންތަނަކީ މިހާރު މީހުންނާއި ހަވާލުކޮށްފައިވާ ގެ ތަކެއް ކަމަށާއި އެ ގޭގެތަކުގެ ވެރިންނާއި ގުޅިގެން ކުރަން ހުރި މަރާމާތުތައް މިދަނީ ނޯޓް ކުރަމުން ތިން ގެއެއް ފިޔަވާ މިހާރުވަނީ ކުރަންޖެހޭ މަރާމާތު ނޯޓްކުރެވިފައި." އަބްދުއްލަތީފް ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ މާފަލުހިޔާގައި ރައްޔިތުންނާ ހަވާލުކޮށްފައިވާ ސާޅީސް ރޯހައުސް މަރާމާތުތައް ނޯޓް ކުރަނީ ހައުސިން މިނިސްޓްރީން އެތަން ތަން މަރާމާތުތައް އިއުލާން ކުރުމަށް ކަމަށާއި އަދި މަރާމާތަށް ފަހު ވަރަށް އަވަހަށް އެ ގެތައް ލިބިފައިވާ ފަރާތްތަކަށް އެތަނުގައި ދިރިއުޅެންފެށިގެންދާނެ ކަމަށެވެ.
މިދިޔަ ހަފްތާގައި ވަނީ ހައުސިން މިނިސްޓްރީގެ ޓީމެއް ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށް ހިއްކިބިމުގައި އަޅަންފަށާފައިވާ ސަތޭކަ ރޯހައުސް އާއި ޖަލާލުއްދީން ސްކޫލް ކައިރީގައި ނުނިމި ހުރި ފަސް ހައުސިން ޔުނިޓްގައި ކުރަން ހުރި މަރާމާތުތައް ބަލައި ނޯޓްކޮށްފައިވާ ކަމަށާއި އެ ގެތަކުގެ މަސައްކަތްތައް ކުރުމަށް ބަޖެޓްގައި ހިމާނާނެކަމަށް ހައުސިން މިނިސްޓްރީގެ ޓީމުން ބުނެފައިވާ ކަމަށް ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވި އެވެ.
އޭޕްރީލްމަހު މިނޫހާއި މަޢުލޫމާތު ހިއްސާ ކުރަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ބޯހިޔާވަހިކަމަށް ހައްލުގެނެވޭތޯ މިސަރުކާރުން މަސައްކަތް ކުރަމުންދާކަމަށާއި ރޯދައިގެ ކުރިން ކުޅުދުއްފުއްޓަށް ވާނީ ހައުސިން މިނިސްޓްރީގެ ޓީމެއް ގޮސް އެތަންތަން ބަލާފައިވާކަމަށާއި ހަސަނާތު މިސްކިތުގެ އިރުމަތީގައި އިމާރާތްކޮށްފައިވާ ސާޅީސް ހައުސިން ޔުނިޓުގައި ދިމާވީ ނަރުދަމާއާއި ފެނާއި ކަރަންޓްގެ މައްސަލަތައް ކަމަށާއި އެކަން ހައްލުކުރުމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީން ވަރަށް އަވަހަށްހަމަޖެހިގެން ދާނެކަމަށެވެ.
އެހެންނަމަވެސް މިއަދާއި ހަމައަށް އެގެތައް ހަވާލުކުރެވުނު ފަރާތްތަކަށް އެތަންތަން ނުވަދެވޭތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް އެފަރާތް ތަކުން ދަނީ ބުނަމުންނެވެ.
މިދިޔަ އަހަރު އޯގަސްޓްމަހު 14 ވަނަދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިން ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ބޯހިޔާވަހިކަމަކީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވަމުން މިސަރުކާރުގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވާ އެންމެހާ ރައްޔިތުންނަށް ލުއިގޮތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށާއި އެހެންނަމަވެސް މިއަދާއި ހަމައަށް ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް އެއްވެސް މަޝްރޫއުއެއް އިއުލާން ކޮށްފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ މިސަރުކާރަށްވެސް އަމާޒުވަމުންނެވެ.
ކުޅުދުއްފުށީގެ ޒުވާނުން ބުނަމުންދަނީ ކުރީގެ ރައީސް ޔާމީން ސަރުކާރުންވެސް ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް އެއްވެސް ވަރަކަށް އަޅާލާފައި ނުވާކަމަށެވެ.
އަދި މިސަރުކާރަށް އަހަރެއްވާން ދާއިރުވެސް ރައްޔިތުންނާއި ހަވާލުކޮށްފައިވާ ފުލެޓްތަކަށް މީހުންނަށް ވަދެވޭވަރު ކޮށްނުދެވޭކަމަށާއި ވީހާވެސް އަވަހަކަށް އެފުލެޓްތަކަށް މީހުންނަށް ވަދެވި ރަށުގެ ޒުވާނުން ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް މިސަރުކާރުން ގެނެސް ދެއްވާނެކަމަށް އުއްމީދު ކުރައްވާކަމަށް އެޒުވާނުން ދަނީ ބުނަމުންނެވެ.