• އެންމެ ގިނަ ބަޔަކު ބޭނުންކުރާނެ ޑޮމެސްޓިކް އެއާޕޯޓަށްވެގެންދާނެކަމަށް ވިދާޅުވި
• ކުރީގެ ސަރުކާރުގެ ވެރިންނަށާއި މިހާރުގެ ސަރުކާރުގެ ވެރިންނަށް ޝުކުރުއަދާކުރެއްވި
ކުޅުދުއްފުށީ އެއާޕޯޓް ވެގެންދާނީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާނެ އެއާޕޯޓަށްކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ޝެޑިއުލް ދަތުރުތައް ފެށުމުގެ ރަސްމިއްޔާތަށް ފަހު ކޭއޯއަށް ދެއްވި އިންޓަވިއުގައި ލަތީފް ވިދާޅުވީ މިއީ ވަރަށް އުންމީދީ އެއާޕޯޓަކަށް ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާނެ އެއާޕޯޓްގެ ގޮތުގަ ކަމަށެވެ.
އެއާޕޯޓްގެ ސަބަބުން ސަރަހައްދުގެ ރައްޔިތުންނަށްވެސް ދަތުރުފަތުރު ކުރުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަތީފް ފާހަގަކުރެއްވި އެވެ. އޭނާ މިމޭރުމުން ވާހަކަ ދެއްކެވީ މިހާރުވެސް ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދުމަށް އަންނަ ރީޖަނަލް ރަށަކީ ކުޅުދުއްފުށީ ކަމަށްވާތީ އެވެ.
ލަތީފް ވިދާޅުވީ އެއާޕޯޓާއެކު ރަށުގެ ތަރައްގީ އާ ހަރުފަތަކަށް ގެންގޮސްދޭނެކަމަށާއި މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިމަޝްރޫއުއަކީ ރަށުގެ 95 އިންސަތަ ރައްޔިތުން ތާއިދުކުރި މަޝްރޫއުއެއްކަމުން މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އެއާޕޯޓްގެ ހިދުމަތް ފެށިގެންދިޔުމުން އެއާޕޯޓް މަޝްރޫއު ކުރިއަށްގެންދިޔަ ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބުދުﷲ ޔާމީނަށާއި އޭރުގެ ސަރުކާރުގެ ވެރިން އަދި ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް އާއި ސަރުކާރުގެ ވެރިން އަދި ދެ ދާއިރާގެ މެމްބަރުންގެ ނަންތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.