ކޮންމެ މީހަކީވެސް ގައުމަށްޓަކައި އަމިއްލަ ދިރިއުޅުމަށްޓަކައި މަސައްކަތްތެރި މީހަކަށް ވުމުގެ އަޒުމް ކަނޑައަޅައި ރާއްޖޭއަކީ އުފެއްދުންތެރިކަމުން ކުރިއަރާފައިވާ ގައުމަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު "ފަންނު އެކްސްޕޯ 2019" ލޯންޗް ކުރުމުގެ ގޮތުން ރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަ ގައި ދިވެހިރާއްޖެއަކީ ވަރަށް މުއްސަނދި ސަގާފަތެއް އޮންނަ ގައުމެއްކަމަށާއި، އެންމެ ކުރިއްސުރެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިގެން ގޮސްފައިވަނީ ދިވެހިންގެ ހުނަރާއި ފަންނުވެރިކަންކަމުގައި ނައިބު ވިދާޅުވިއެވެ. ނަމަވެސް މިއަދު މިފަދަ މައުރަޒެއް ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރާއިރު މިފަދަ ހުނަރުތައް ތަރައްގީނުވެ ހުރީ ކީތްވެގެންތޯ ވިސްނާލުން މުހިންމުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިންގެ ތެރޭގައި ހުރި ހުނަރުތައް އާލާކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަކީ މުޅި ދިވެހި ގައުމުގެ ގައުމީ ވަންތަކަން މުޅި ދުނިޔެއަށް ދައްކުވައިދޭނެކަމެއް ކަމަށާއި ރައީސް އެންމެ ބޮޑަށް އަމާޒު ހިއްޕަވާފައި ވަނީ ރަނގަޅު ޖީލެއް ބިނާކޮށް ދިވެހި ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެއްދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކާ ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަންނުވެރި މީހުން ތިބި ނަމަވެސް އަޅާނުލެވި ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން އެފަދަ މަސައްކަތްތެރީންގެ މަސައްކަތްތައް ހީނަރުވެފައިވާކަމަށާއި ސްކޫލް ނިޒާމުގެ ތެރެއިން ވެސް ކުދިންގެ ކިބައިގައި ފަންނުވެރިކަން އަށަގެންނެވުމަށް ސަރުކާރުން މަސައްކަތްކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މައުރަޒެއްގެ ތެރެއިން ވަރަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި ހުރިހާ އެންމެންވެސް ހާއްސަކޮށް ދިވެހި ޒުވާނުން މިފަދަ ފަހި ފުރުސަތު ތަކުގެ ބޭނުން ހިފައި ދިރިއުޅުން އާރާސްތުކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކުރައްވައިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ.
މި މައުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމަށް ބޭއްވޭ މައުރަޒެކެވެ.
މި މައުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުމާއި، ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކާއި، ފެޝަން އެންޑް ޑިޒައިނާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.