twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Oct 12, 2019
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިކަމަށްޓަކާ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ކާޑިއެކް ސެންޓަރުގެ ހިދުމަތާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި މި ހިދުމަތްތައް ދޭން ފެށި ފުރަތަމަ ފަހަރެވެ.

އުތުރުގެ ތިން އަތޮޅުގެ 65،000 ހާސް ރައްޔިތުންގެ އާބާދީއަށް ގާއިމުކުރި މި ހިދުމަތުގެ ސަބަބުން މާލެ ނުގޮސް މި ހިދުމަތް ސަރަހައްދުން ލިބިގެންދާނެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް، ހޯލްޓަރސް މޮނިޓަރިން، އީސީޖީ އަދި ޓީއެމްޓީގެ ހިދުމަތް ލިބިގެންދާނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވީ، މި ފެށިގެން ދިޔަ ހިދުމަތްތަކުން މިސަރަހައްދުގެ ރައްޔިތުންނަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާ މިއީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ކުޅުދުއްފުއްޓަށާއި ބޮޑުތިލަދުންމައްޗަށް ވަރަށް ހާއްސަ ދުވަހެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ހޯދުމަށް މާލެ ދިޔުމަށް ރައްޔިތުންގެ އަތުން ގިނަ ހަރަދުތަކެއް ގޮސް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ. ހެލްތު މިނިސްޓްރީގެ ހިސާބުތަކުން އެނގޭ ގޮތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސީޓީ އާއި ކާޑިއޯ ޓެސްޓު ހެދުމަށް 74 ބަލި މީހުން މާލެ ފޮނުވަން ޖެހުނެވެ. މީގެތެރެއިން ގިނަ މީހުން ފޮނުވާލަން ޖެހުނީ ޗާޓަރު ނުވަތަ ޝެޑިއުލްޑް ފްލައިޓެއްގައި އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރަހައްދުން ފުލައިޓެއްގައި ޗާޓަރުކޮށްގެން މާލެއަށް މީހަކު ފޮވާލުމަށް 125000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަވާ ކަމަށެވެ. އަދި ޝެޑިއުލް ފްލައިޓެއްގައި މާލެ ފޮނުވާލަން 15000 ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށެވެ. މިއީ ބަލި މީހާގެ އާއިލާއިން ކުރާ ބޮޑު ހޭދައެއްކަމަށް މިނިސްޓަރ އަމީން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށާއި ސަރުކާރުން މިހާރު ތަރައްގީކުރާ ފަސް ހޮސްޕިޓާ ތަރައްގީވަމުންދިޔަ ވަރަކަށް އަތޮޅުތެރެއިން ފަސޭހައިން ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ހެލްތުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން ދުވާލަކު އެވްރެޖްކޮށް 305 ބަލި މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ފަރުވާ ހޯދަ އެވެ. ހޮނިހިރުދުވަހު އެ އަދަދު 650 އަށް އަރާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުންނާއި 78 ނަރުހުންގެ އިތުރުން 16 މެޑިކަލް އޮފިޝަލުންނާއެކު ޖުމްލަ 215 މުވައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި މަތީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރުމަށް ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވެ އެވެ. އުތުރުގައި ގާއިމްކުރާ އެފަދަ އެއް ހޮސްޕިޓަލަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355