twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ބަނދަރު ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރުމަށް ކައުންސިލުން ފުލުހުންނާއެކު މަޝްވަރާކޮށްފި

Feb 17, 2020

ކުޅުދުއްފުށީ ލޯކަލް ބަނދަރު ބެލެހެއްޓުމުގައި ކައުންސިލާއެކު މިހާރަށްވުރެ ހަރުދަނާކޮށް ފުލުހުން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

ފުލުހުންނާއެކު އެފަދަ މަޝްވަރާތަކެއް ކައުންސިލުން ކޮށްފައިމިވަނީ މިދިޔަ ހުކުރުދުވަހު ކައުންސިލުން ހަދާފައިވާ ގަވައިދާ ހިލާފަށް ޓަގް ބޯޓެއް ބަނދަރު ކުރި މައްސަލާގައި އެ އުޅަނދު ފުލުހުންނަށްވެސް ނުނެގި، ގިނައިރުތަކެއްވެ މުޅި ބަނދަރުގެ މަސްލަހަތު ގެއްލިފައިވަނިކޮށްނެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ގާނޫނޫ އަސާސީން ކައުންސިލްތަކަށް ގަވައިދުތައް ހަދަން ލާޒިމްކޮށްފައިވާ ކަމަށާ، ބަނދަރުގެ ގަވައިދުތައް ހަދާފައިވަނީ އެގޮތުން ކަމަށެވެ. ބަނދަރު ގަވައިދުތައް ތަންފީޒުކުރަން ޖެހުނީ ބަނދަރުގެ ބޭނުން ކުރުމުގައި ބައެއް ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވެ ޝަކުވާ ބޮޑުވެފައިވަނިކޮށް ކަމަށެވެ.

ބަނދަރު ބެލެހެއްޓުވީ ކައުންސިލަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތައް ކަމަށާއި އެއްވެސް ބަޔަކު ތަފާތުނުކޮށް ބަނދަރުގެ ގަވައިދުތައް ކައުންސިލުން ތަންފީޒުކުރަމުން ގޮސްފައިވާ ކަން ލަތީފް ފާހަގަކުރެއްވި އެވެ.

ބަނދަރުގައި ސެކިއުރިޓީ ބަހައްޓައިގެން ބަނދަރުގެ ކަންކަން ކައުންސިލުން ބަލަހައްޓަމުންދާއިރު ނުކިޔަމަންތެރިކަން ދައްކާ ފަރާތްތަކާ އިތުރަށް ނަސޭހަތްތެރިވަނީ ފުލުހުންގެ އެހީތެރިކަމާއެކު އެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ބަނދަރުގައި އެޅި ޓަގް ބޯޓްގެ ކެޕްޓަނަށް ނަސޭހަތްތެރިވުމުންވެސް ވަނީ ބޯޓް ނުނަގާފަ އެވެ.

ބައްދަލުވުމުގައި ލަތީފް ވިދާޅުވީ، ގަވައިދާ ހިލާފުވާ ފަރާތް ޖޫރިމަނާކުރުމަކީ ކައުންސިލުން އެންމެ ބޭނުންވާ ގޮތް ނޫންކަމުގައިވިޔަސް ބައެއް ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ޖޫރިމަނާއާހަމައަށް އެފަދަ މައްސަލަތައް އަންނަ ކަމަށެވެ. ގަވައިދާ ހިލާފަށް ބަނދަރު ބޭނުންކުރާ ފަރާތްތަކާމެދު އިތުރަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާތޯ ބަލައި ވަނީ މަޝްވަރާކޮށްފަ އެވެ.

މި ބައްދަލުވުމުގައި އަޕަރ ނޯތު ޑިވިޝަނަލް ކޮމާންޑަރު އަލީ ފާއިޒް އާއި ހދ އަތޮޅު ކޮމާންޑަރު ނިޝާގެ އިތުރުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355