twitterviber whatsapp telegramfacebookyoutube instagram
29th March 2024

މުހިންމު ދެ ވައުދަކާއެކު އާދަމް ޝަރީފް އަމިއްލަ ގޮތުން ކުޅުދުއްފުށީ މޭޔަރުކަމަށް ވާދަކުރައްވަނީ

އަބްދުލް ވާހިދު ޙަސަން
Feb 20, 2020
8

މުހިންމު ދެ ސިޔާސަތަކާއެކު އާދަމް ޝަރީފް އަމިއްލަ ގޮތުން ކުޅުދުއްފުށި ސިޓީ މޭޔަރުކަމަށް ވާދަކުރައްވަން ނިންމައިފި އެވެ. އާދަމް ޝަރީފް، މޭޔަރުކަމަށް ވާދަކުރައްވާއިރު އޭނާގެ މެނިފެސްޓޯއިން އެންމެ ފާހަގަކޮށްލެވެނީ ރައްޔިތުންނަށްވެފައިވާ މުހިންމު ދެ ވައުދެކެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އެޑްމިޓްކޮށް އިތުރު ފަރުވާއަށް އާސަންދަ މެދުވެރިކޮށް މާލެ ގެންދަން ޖެހޭ ކުޅުދުއްފުށީގެ ކޮންމެ ރައްޔިތަކަށް އޭނާގެ މުސާރައިން 2000ރ ގެ އިނާޔަތެއް ދޭނެ ކަމަށެވެ. އަދި ޔަތީމް، މިސްކީނު ކުދިންނާއި، މަންމަ ނުވަތަ ބައްޕަ ބަލި އެނދުގައި މަސައްކަތް ނުކުރެވޭ ހާލަތުގައި ތިބި ރަށުގެ ކޮންމެ ދަރިވަރަކަށް ސްކޫލް ޔުނީޕޯމުގެ ފުލް ކިޓެއް ދޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މުހިންމު ދެ ސިޔާސަތު ތަންފީޒުކުރާނީ ކައުންސިލްގައި ގާއިމްކުރާ ވެލްފެއަރ ފަންޑެއް މެދުވެރިކޮށް އޭގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުންވެސް އާދަމް ޝަރީފް ވަނީ އޭނާ މޭޔަރުކަމަށް ހޮވިއްޖެނަމަ ކައުންސިލާ ގުޅިގެން ކުރާނެ ކަންތައްތައް ނުވަތަ ސިޔާސަތުތައްވެސް ވިދާޅުވެ ދެއްވާފަ އެވެ.

އެގޮތުން އާދަމް ވިދާޅުވީ، ސިޓީ ކައުންސިލްގެ ބަޖެޓްގެ ތެރެއިން "ސިޓީ ލައިބްރަރީ" ގާއިމުކުރުމާއި ސްކޫލުތަކުގެ ބެލެނިވެރިން ލައްވައި ޕީޓީއޭއަށް ފައިސާ ހޯދުން ހުއްޓުމަކަށް ގެނެސް ރަށުގެ "ބޮޑު ބަޖެޓް" ގެ ތެރެއިން ކުލާސް ރޫމްތަކުގެ ތަރައްގީ އާއި އިތުރު ހަރަކާތްތައް ދަރިވަރުން ބައިވެރިކުރުމަށް ކުރާ ހަރަދުތައް ކައުންސިލުން ހަމަޖައްސައިދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އޯޓިޒަމް ކުދިންނަށް ފަރުވާ ދެވޭނެ ވަރުގެ ޑޮކްޓަރެއް ކައުންސިލްގެ ހަރަދުގައި ނަމަވެސް ބަހައްޓަން މަސައްކަތްކުރައްވާނެ ކަމަށެވެ.

ގާނޫނުން ލާޒިމްކުރާ މުނިސިޕަލް ގަވައިދުތައް ހަދައި ތަންފީޒުކުރުމާއި ގޯތި ނުލިބި ތިބި ފަރާތްތަކަށް ގޯތި ކަށަވަރު ވަންދެން އެންމެ ކުރީ ސަފުގައި ހުރެގެން އެކަމަށް ވަކާލަތު ކުރައްވާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި އެކި ކުންފުނިތަކަށް ރަށުން ދޫކޮށްފައިވާ ބިމު ކުލި ރިވިއުކޮށް ހައްގު މިންވަރު ހޯދައިދިނުމަށް ކައުންސިލުން ތެރެއިން މަސައްކަތްކުރައްވާނެކަމަށް އާދަމް ވިދާޅުވި އެވެ.

ކައުންސިލާ ގުޅިގެން ކުރާނެ އިތުރު ކަންތައްތަކުގެ ތެރޭގައި ކަރަންޓް ބިލް ކުޑަކުރުމަށް މަސައްކަތް ކުރުމާއި ރަށުގެ ރައްޔިތުންނަށް ހިލޭ ގައުމީ ޓީވީ ފެންނާނެ ގޮތް ހަދަން މަސައްކަތް ކުރުމާއި ކުޅިވަރު ދަނޑުތައް ރަށު ބަޖެޓްގެ ތެރެއިން ތަރައްގީކުރުމުގެ އިތުރުން ރަށުގެ ޓީމްތައް ރަޖިސްޓްރީކޮށް ޓީމްތައް ބަލަހައްޓައި ދޭނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރަށުގައި ހަތަރު އަވަށު އޮފީސްތައް ގާއިމުކޮށް، ރަށު ކައުންސިލަށް ލަފާދޭނެ ލޯފާމަކާއި ކޮންސަލްޓެންސީ ފާމެއް ގާއިމުކުރާނެ ކަމަށެވެ. އަދި 24 ގަޑިއިރު ތެރޭގައި ޖަވާބު ލިބޭނެ ފޮއްޓެއް ކައުންސިލްގައި ގާއިމުކުރާނެކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމުގެ ގޮތުން ހަފުތާއަކު އެއްފަހަރު "އާދަމް ޝަރީފް ލައިވް" ފޭސްބުކު މެދުވެރިކޮށް ރަށުގެ ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށެވެ. އެހެންވުމުން ރަށުން ބޭރުގައި ތިބި ރައްޔިތުންނާ ގާތް ގުޅުމެއް ގާއިމުކުރެވި އެފަރާތްތަކަށްވެސް ސީދާ އޭނާއާ ވާހަކަ ދެއްކޭނެ މަގުފަހިވެގެންދާނެކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމިއްލަ ގޮތުން ނުކުމެ ފާޓީއަކާ ނުގުޅި "ގޮނޑި ވިއްކާ ނުލައި" ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355