twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވެކްސިން ޖަހާފަތިބި މީހުން އެނގޭނެ ސޮފްޓްވެއަރއެއް ގާއިމްކުރަނީ

ނަބީލާ އިސްމާޢީލް
Mar 3, 2020
1

ވެކްސިން ޖަހާފައިތިބި މީހުންގެ މައުލޫމާތު އެނގޭނެ ނޭޝަނަލް ވެކްސިން ސޮފްޓްވެއަރ ގާއިމްކޮށް ކުރިއަތް އޮތް ހަފްތާއެއްހާދުވަހުގެ ތެރޭ ބޭނުން ކުރަން ފަށާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ސިނިއަރ އެގްޒެކްޓިވް ޑިރެކްޓަރ ޝަހުރުބާން އަބްދުﷲ ވިދާޅުވީ މިއަދާ ހަމަޔަށްވެސް ރާއްޖޭގައި ވެކްސިން ޖަހާފައިތިބި މީހުންގެ މައުލޫމަތު އެނގޭނެ ޑޭޓާ ބޭސްއެއް ނެތްކަމަށާއި މިހާރު ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިސްނެންގެވުމާއެކު މިފަދަ އެމަރޖެންސީ ސޮފްޓްވެއަރއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެގޮތުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކޮށްގެން މި ސޮފްޓްވެއާ ތައްޔާރުކުރަމުންދާކަމަށާއި މިހާރު އެ މަސައްކަތުގެ ނުވަދިހަ އިންސައްތަ ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ސޮފްޓްވެއާރއިން ރާއްޖޭގައި ވެކްސިން ޖަހާފައިވާ ކުދިންގެ މައުލޫމާތާއި ވެކްސިންގެ ބާވަތްތައް ނުވަތަ ޑޯޒްތައް އެނގިގެންދާނެކަން ފާހަގަކޮށް ޝަހުރުބާން ވިދާޅުވީ ސޮފްޓްވެއަރ މެދުވެރިކޮށް ވެކްސިން ނުޖަހާ ތިބި ކުދިންގެ ގެއަށް ގޮސް އެކުދިންނަށް ވެކްސިން ޖަހާނެކަމަށެވެ. އަދި މި މައުލޫމާތުތައް އެއްކުރެވުމާއެކު މިހާރު މިދިމާވާ ވެކްސިން ނުޖަހާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ.

ވެކްސިން ނުޖަހާ މައްސަލަ ފެންމަތިވެފައިވަނީ ރާއްޖެ އިން ނައްތާލެވިފައިވާ ހިމަ ބިހި މިދިއަ ޖެނުއަރީ މަހު އަލުން ރާއްޖެއިން ފެންނަން ފެށުމާއި ގުޅިގެންނެވެ. މިހާތަނަށް 12 މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ހިމަބިއްސަށް އާއްމުން ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށް ވެކްސިން ޖަހާ މީހުންގެ އަދަދު މަދުކަން ހެލްތު މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ދުވާލަކަށް އެވްރެޖްކޮށް ވެކްސިން ޖެހުމަށް އަންނަނީ 10 އާއި 15 އާ ދެމެދުގެ އަދަދެއްގެ މީހުންކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ވެކްސިން ނުޖަހާނަމަ އެ ފަރާތްތައް އުޅޭ ގޭގެއަށްގޮސްވެސް ވެކްސިން ޖަހުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355