ށ. ފޯކައިދޫ އާއި ރާއްޖޭގެ އެއްވެސް ރަށެއްގެ ރައްޔިތުން ޕެނިކްވާން ޖެހޭ ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ޅ. ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ށ. ފޯކައިދޫގައި ހުއްޓާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ފޯކައިދޫ އިން ކުރެއްދޫ ރިސޯޓްގެ މުވައްޒަފު ވައިރަހުގެ އަލާމާތުގެ ފާހަގަ ކުރެވުމާއެކު އައިސޮލޭޝަންގައި ބާއްވައި ކަންކަން ބަލަމުންދާ ކަމަށެވެ. އެ މުވައްޒަފު ކަރަންޓީނަށް ގެންދަން ނިންމީ ކުރެއްދޫން ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވެ ތިންވަނަ ދަރަޖާގައި ހާލަތު ހުރި ކަން ފާހަގަ ކުރެވުމުން ކަމަށެވެ.
ރާއްޖޭގައި ވައިރަސް އިތުރަށް ފެތުރިގެން ނުދިއުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގެ ރައްޔިތުން މި ވަގުތަށް ޕެނިކް ނުވެ ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ސިއްހީ އިދާރާތަކުގެ އިރުޝާދު ތަކާ އެކު ކުރިއަށް ދިއުން ވަރަށް މުހިއްމު ކަމަށާއި ރާއްޖޭގެ ކޮންމެ ރަށެއް ވެސް އޮތީ ތައްޔާރީ ހާލަތުގައި ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވީ ސާމްޕަލް ނަގައި މިހާރު ޓެސްޓުގެ ނަތީޖާ ލިބިފައި ނުވާ ދެ މީހަކުވާ ކަމަށާއި އެ ދެ މީހުންނާއި ފޯކައިދޫން ވައިރަސްއަށް ޝައްކު ކުރެވުނު ފަރާތުގެ ޓެސްޓުގެ ނަތީޖާ މާދަމާގެ ވަގުތެއްގައި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކު ވައިރަސްއަށް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަންގެ މަސައްކަތުގައި ތިބި މީހުނާއި މުވައްޒަފުން ހިމެނޭ ހެން އިތުރު 420 ބިދޭސީން އެބަތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.