ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށި އާޓިފިޝިއަލް ބީޗް ސަރަހައްދު ބަންދުކޮށްފި އެވެ. މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ކަމާ ގުޅުން ހުރި ފަރާތްތަކުންވެސް އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ރަށްރަށުގެ ޓާސްކް ފޯސްތަކުން އަންނަނީ އެރަށެއްގައި މީހުން ގިނައި އެއްވެ އުޅޭ ތަންތަން ނުދިއުމަށް ބާރުއަޅައި އަދި މީހުން ޖަމާވާ ބައެއް ސަރަހައްދުތައް އަންނަނީ ބަންދުކުރަމުންނެވެ.
އުތުރުގެ ދަނޑުވެރިން ޖަމާވާ ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރުގެ ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ބަންދުކޮށްފަ އެވެ. އަދި މިއަދު ވަނީ ޕާކުތަކާއި އާޓިފިޝަލް ބީޗާއި އެސަރަހައްދުގެ ފިނި މައިޒާންވެސް ބަންދުކޮށްފައި ލިޔުން ހަރުކޮށްފަ އެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ ރާއްޖޭގައި އޮތީ 30 ދުވަހުގެ މުއްދަތަށް އިއުލާނުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ބަލި ފެތުނުނަ ނުދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ސްކޫލުތަކާއި ކޮލެޖް ޔުނިވާސިޓީތައް ބަންދުކޮށް މީހުން އާންމުކޮށް އެއްވެ، އެކި ތަންތަނަށް ޖަމާނުވުމަށް ސިއްހީ މާހިރުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ދިހައަކަށް އަރާފަ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ޑަބުލިއުއެޗުއޯ މި ބަލި ވަނީ ދުނިޔޭގެ ބަލިމަޑުކަމެއްގޮތުގައި އިއުލާންކޮށްފަ އެވެ.