މުޅި ދުނިޔެ ދެކެމުންމިދާ ބަލިމަޑުކަމުގެ ސަބަބުން ދަތުރު ފަތުރު މަދުވެ ރާއްޖެ އަންނަ ފުލައިޓްތައް ވަރަށް ބޮޑުތަން މިވަނީ ދަށަށް ގޮސްފަ އެވެ.
އެގޮތުން އިއްވެ ރާއްޖެ އަންނަން އިންޓަނޭޝަނަލް 43 ފްލައިޓް ޝެޑިއުލް ކޮށްފައި އޮތް ނަމަވެސް ރާއްޖެ އައިސްފައިވަނީ 16 ފުލައިޓަކުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އިން ބުނެފި އެވެ.
މިހާރު ދުނިޔެ ދެކެމުންމިދާ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތައް އައުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އަދި ޑޮމެސްޓިކް ދަތުރުތަށްވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އެމްއޭސީއެލް އިން އަންނަނީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެއާޕޯޓުގެ އެކި ސަރަހައްދުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ވައިރަސް ފެތުރުނަ ނުދިނުމަށް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރާއްޖެއިން ވަނީ ގިނަ ގައުމުތަކަކުން މީހުން އައުން މަނާކޮށްފަ އެވެ.
އެގޮތުން މިބަލި އެންމެ ބޮޑަށް ފެތުރުނު ޗައިނާ އާއި އިޓަލީ އާއި ސައުތު ކޮރެއާ އާއި ޖަޕާނާއި ސްޕެއިން އާއި ޖާމަނީ އާއި ފްރާންސްގެ ބަޔެއް ސަރަހައްދުތަކުގެ އިތުރުން މެލޭޝިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުން މީހުން އައުން ވަނި މަނާކޮށްފަ އެވެ.
ރާއްޖެ އަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖެއިން ބޭރުގެ ގައުމަކަށް ގޮސްފައި އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.