twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮޗިންއާއި ޓްރިވެންޑްރަމްއަށް ކެއާ ޕެކޭޖު ފޮނުވަން ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Apr 9, 2020

އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާތީ ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި މަހު 11 ވަނަ ދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި އާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ޓްރިވެންޑްރަމްއާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މިނިސްޓްރީން ބުނީ ފުރުސަތު ދެވޭނީ، ފޯމު ހުށަހަޅާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 600 ފަރާތަށް ކަމަށެވެ. އަދި ކޮންމެ އާއިލާއަކަށް ކެއާ ޕްކޭޖުގެ ގޮތުގައި ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެތި ކަމަށެވެ.

ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލު ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން، މާދަމާ ހެނދުނު 08:00 އިން މެންދުރު 11:00އަށް އަދި މެންދުރުފަހު 14:00އިން ހަވީރު 18:00 އަށެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނީ ޓްރިވެންޑްރަމްއާއި ކޮޗިންގައި ލިބެން ނެތް ބޭހެއް ނުވަތަ އެހެނިހެން ޒަރޫރީ ކަމެއްގައި ފޮނުވާ ތަކެއްޗެވެ.

ކާގޯގެ ގޮތުގައި ފޮނުވާނެ ތަކެތީގެ ތެރޭގައި ހިމެނެނީ ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)، މަސްދަޅު ކޭސް، ނޫޑްލްސް ކޭސް، ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)، މަސްޕެކެޓް/ފަތް ޕެކެޓް/ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެއްޗެވެ.

ނަމަވެސް ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތީގެ ތެރޭގައި ފައިސާ، ރޯމަސް، ކިއްލި، ހެދިކާ، މޭވާ، ތަރުކާރީ، ސިނގިރޭޓް އަދި ދުންފަތުގެ ބާވަތްތާއި ކާޑުގެ ބާވަތް ތަކެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޯމު ހުށަހަޅަންވާނީ ކެއާ ޕެކޭޖުތައް ފޮނުވާ ފަރާތާއި ލިބެންވީ ފަރާތުގެ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.
ރާއްޖެއިން ފޮނުވާ ތަކެތި އިންޑިއާގެ ކަސްޓަމްސް އިން ކްލިއާ ކުރުމަށްފަހު، ހަވާލުކުރާނީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އާއެވެ. އަދި އެތަކެތި ލިބެންވީ ފަރާތްތަކާއި ހަވާލުކުރާނީ ވެސް ކޮންސިއުލޭޓް ޖެނެރަލް އިންނެވެ.

ސަރުކާރުން މީގެ ކުރިންވެސް ވަނީ މެލޭޝިއާއާއި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޮނުވުމުގެ ފުރުސަދު ދީފައެވެ. އަދި މި ފުރުސަތުގައި ފޮނުވި ތަކެތި މިހާރު އެ ގައުމުތަކުގައި ތިބި ދިވެހިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355