ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް ކުޅުދުއްފުށީގައި ބާއްވަމުން އައި ހޮނިހިރު ބާޒާރު ވަކި އުސޫލުތަކެއްގެ ދަށުން ބޭއްވުމަށް މަޝްވަރާކޮށްފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުޅުދުއްފުށީގައި އުފައްދާފައިވާ ޓާސްކް ފޯސްއިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އެއްވެ އުޅުން މަދުކުރުމަށް ސިއްހީ ދާއިރާއިން ނެރެފައިވާ ލަފާގެ މަތިން ވަކި މުއްދަތެއް ނެތް ގޮތަށް ހޮނިހިރު ބާޒާރު ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ.
ހޮނިހިރު ބާޒާރު އަލުން ބޭއްވުމަށް އަލުން މަޝްވަރާ ކުރެވުނީ ދުނިޔެއަށް މިހާރު ސިއްހީ ގޮތުންނާއި، އިޤްތިސާދީ ގޮތުން ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ހޮނިހިރު ބާޒާރުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންދާ މާލީ ގެއްލުންތަކުން ސަލާމަތް ކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ކާބޯތަކެތި ލިބުމުގައިވެސް ދަތިކަން ދިމާވެދާނެ ކަމުގެ ބިރުވެރިކަން ހުރުމާއެކު އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެންމެ ބޮޑަށް ބަރޯސާ ވެވިގެންދާނެ އެއްބަޔަކީ ދަނޑުވެރިން ކަމުގައި ވާތީ އެފަދަ ފަރާތްތަކުގެ ވިޔަފާރިތައް ސަލާމަތް ކުރުމަކީ މި ދަނޑިވަޅަށް މުހިއްމު ކަމެއްގެ ގޮތުގައި ފެންނާތީ އެވެ.
ހޮނިހިރު ބާޒާރު އަލުން ފެށިގެން ދާއިރު އިޖްތިމާއީ ގައި ދުރުކަން ވިޔަފާރިވެރިންނާއި ހޮނިހިރު ބާޒާރު ބޭނުން ކުރާ ފަރާތްތަކަށް ހުންނާނެ ފަދަ ގޮތަކަށް އިންތިޒާމްތައް ރޭވުމަށް މަސައްކަތް ކުރާނެ ކަމަށް ޓާސްކް ފޯސް އިން ހާމަ ކުރި އެވެ. އަދި ސިއްހީ ގޮތުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމުގެ ގޮތުން އަތް ދޮވެވޭނެ އިންތިޒާމްއާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މަސައްކަތް ކުރާނެ ކަމުގައި ހާމަ ކުރި އެވެ.
މީގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށާއި ހޮނިހިރު ބާޒާރު ބޭނުން ކުރާ ފަރާތްތަކުގެ އެއްބާރުލުން ނުލިބިއްޖެނަމަ މިފަދަ ކަމެއް ކުރިއަށް ގެންދިއުމަކީ ދަތި ކަމަކަށް ވާނެ ކަމަށް އެ ފަރާތުން ހާމަ ކުރި އެވެ. އިތުރު ފިޔަވަޅެއްގެ ގޮތުން އެ ހަފްތާގައި ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތައް ކުރިއަށް ރެޖިސްޓަރ ކުރުމުގެ އިންތިޒާމެއް ހަމަޖެއްސުމަށް މަޝްވަރާ ކުރެވުނު ކަމުގައިވެސް ޓާސްކް ފޯސްއިން ހާމަކުރި އެވެ.
"ހޮނިހިރު ބާޒާރު ހުއްޓާލުމަށް އެންގި އިރު އޮތް ހާލަތަށް ވުރެ ގޯސް ހާލަތެއްގައި ދުނިޔެ މި އޮތީ. އެހެނަސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި މިކަން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން އެބަ ދޭ. ނަމަވެސް އަޅުގަނޑުމެންގެ އިޤްތިސާދަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފަައިި އޮތް އިޤްތިސާދަކަށްވެފައި މިފަދަ ދަނޑިވަޅެއްގައި ކާބޯތަކެތި އުފައްދާ ފޯރުކޮށްދޭ ފަރާތްތައް އަޅުގަނޑުމެންނަށް މުހިއްމު ވާތީ އަލުން ފެށުމަށް މި މަޝްވަރާ ކުރެވުނީ. ވަރަށް އަވަހަށް އަޅުގަނޑުމެން މިކަމާ ގުޅިގެން ގޮތެއް ނިންމާނަން" ޓާސްކް ފޯސްގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެމުން ހާމަކުރި އެވެ.