twitterviber whatsapp telegramfacebookyoutube instagram
17th March 2026

ވައިކަރަދޫގެ ދަނޑުވެރިކަމުގެ ބާވަތްތައް ކުޅުދުއްފުއްޓަށް ގެނެވޭނެ ފަސޭހަ އިންތިޒާމެއް

May 8, 2020

އުތުރުގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާއެއް ރަށަކީ ހދ ވައިކަރަދޫ އެވެ. އީޖާދީ އުފެއްދުންތެރި ދަނޑުވެރިތަކެއް ދިރިއުޅޭ ވައިކަރަދޫގެ ދަނޑުތަކުގައި އުފައްދައި ތަކެތި މައިގަނޑު ގޮތެއްގައި މާކެޓް ކުރަނީ މާލެއަށާއި ކުޅުދުއްފުއްޓަށެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ ދަތުރުފަތުރު މެދުކަނޑާލަން ޖެހުނު ހިސާބުން ދަނޑުވެރިންގެ ތަކެތި މާކެޓްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.

ވަކިން ހާއްސަކޮށް ކުޅުދުއްފުށީގައި އޮންނަ ހޮނިހިރު ބާޒާރު ބަންދުކުރުމުން ދަނޑުވެރިންނަށް މާކެޓްކުރެވޭނެ ގޮތް މުޅިން ބަންދުވެ ގޮތް ހުސްވި އެވެ. ދަނޑުތަކުގައި ރޯދައަށް ހެއްދި ތަކެތިކޮޅު ހަލާކުވެ ނުއަގުގައި ވިއްކާލަން ޖެހުނެވެ. މިކަމުގެ ސަބަބުން ހަމައެކަނި ގެއްލުންވީ ދަނޑުވެރިންނަކަށް އެކަންޏެއް ނޫނެވެ. ކުޅުދުއްފުށީގައި އުޅޭ ފަރާތްތަކަށްވެސް ދަތިތަކާ ކުރިމަތިވި އެވެ. އެގޮތުން ކުޅުދުއްފުށިން ދަނޑުވެރިކަމުގެ ބާވަތްތައް ނުލިބުމާއި ތަކެތީގެ އަގު އުފުލިގެން ދިޔަ އެވެ.

އެކަމަކު މިހާރު މިކަމަށް މިވަނީ ވައިކަރަދޫ ކައުންސިލުން ހައްލު ހޯދާދީފައި އެވެ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި ކުޅުދުއްފުއްޓަށް ގެނެވޭނެ ފަސޭހަ އިންތިޒާމެއް ވަނީ ހަމަޖައްސާފަ އެވެ. ވައިކަރަދޫގެ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ވިދާޅުވީ، ލޮކްޑައުންއާ ހެދި ދަނޑުވެރިންގެ ތަކެތި ވިއްކޭނެ މަގުންތައް ބަންދުވި ކަމަށާއި ނަމަވެސް މިހާރު ކައުންސިލް މެދުވެރިވެގެން ތަކެތި ކުޅުދުއްފުއްޓަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވީ، ދަނޑުވެރިންގެ ތަކެތި ހިފައިގެން ދެ ދަތުރެއް މިހާރުކުރެވިފައިވާނޭ ކަމަށާއި އެތަކެތި ގެންދާއިރު ހުންނާނީ ވިޔަފާރިވެރިންނަށް ވިއްކިފައި ކަމަށެވެ. އަދި ދަތުރުތައް ނިންމާފައި އެނބުރި ވައިކަރަދޫއަށް އަންނައިރު ކުޅުދުއްފުށިން ބޭނުންވާ ސާމާނު ގެނެވޭނެ އިންތިޒާމު ވައިކަރަދޫގެ ވިޔަފާރިވެރިންނާ ވާހަކަދައްކައިގެން ހަމަޖެއްސޭތޯ ބަލަމުންދާ ކަމަށެވެ.

Vaikaradhoo dhanduverin ufadhdhaa thakethi halaakuviya nudhee kulhudhufuttah vikkeyne goiy hedhumashaai Vaikaradhoo...

Posted by Secretariat of The Vaikaradhoo Council on Tuesday, May 5, 2020

އޭނާ ވިދާޅުވީ މިކަމުގައި ކައުންސިލުން އަދާކުރަނީ މެދުވެރިއެއްގެ ރޯލުކަމަށާއި ދަނޑުވެރިން ތަކެތި އެއްކޮށްފައި ކައުންސިލަށް އެންގުމުން ދަތުރުކުރަނީ ކަމަށެވެ. ދަތުރުތަކަށް ބައެއް ފަރާތްތަކުގެ އެހީތެރިކަން ލިބެމުންދާކަން ނަސީމް ފާހަގަކުރެއްވި އެވެ. އެގޮތުން ދާއިރާގެ ކުރީގެ މެމްބަރާއި މިހާރުގެ މެމްބަރުގެ ނަން ފާހަގަކޮށް އެފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ވައިކަރަދޫގައި ފަތްކޭލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށެކެވެ. މީގެ އިތުރުން ކަރަ އާއި ބަރަބޯ، ބަށި، އަދި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ގިނަ ބާވަތްތައް އެރަށުގައި ހަދަ އެވެ. ނަސީމް ވިދާޅުވީ، އެރަށުން ތަކެތި ގަންނަ ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އެބައޮތް ކަމަށާ ކައުންސިލްވެސް އޯޑަރު ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ނަސީމްގެ ނަންބަރު 9112291 ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355