ދިރާގުން މުހިންމު މައުލޫމާތާއި ދިރިއުޅުމުގެ އެކި ކަންކަމާ ގުޅޭ ކޮންޓެންޓް ހިމެނޭ ގޮތަށް "ނައުއެމްވީ" ގެ ނަމުގައި ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.
ދިރާގުން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ނަމާދު ވަގުތާއި މީރު ކާއެއްޗެހީގެ ރެސިޕީތަކާއި ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ޚަބަރުތައް ލިބޭނެ ކަމަށެވެ. އަދި މުހިންމު ކަންކަމަށް ރިމައިންޑާ ސެޓް ކުރުން ފަދަ ކަންކަން ކޮށްލެވޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން މި ދުވަސްވަރަކީ ހުރިހާ ކަމެއްހެން ގޭގައި ތިބެގެން ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވާތީ ދިރާގުން ތައާރަފު ކުރި ދިރާގު "ނައުއެމްވީ" އެޕް މެދުވެރިކޮށް އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކޮށްލެވޭނެއެވެ.
މި އެޕް މިހާރު އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕް ބޭނުން ކުރުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށް ވާކަށް ނުޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ މި އެޕްލިކޭޝަންގައި ރޯދަ މަހަށް ހާއްސަ ގިނަ ފީޗާތަކެއް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން "ނައުއެމްވީ" އެޕް މެދުވެރިކޮށް ނަމާދު ވަގުތުގެ ނޮޓިފިކޭޝަން ސެޓްކޮށް، ރޯދަ ވީއްލަން ތައްޔާރުކުރާނެ އެއްޗެހީގެ ރެސިޕީ ހޯދައިލުމުގެ އިތުރަށް ރޯދަ ޓްރެކްކުރުން ފަދަ ޕީޗާތައް ހިމެނެ އެވެ.
"ނައު" އެޕް މެދުވެރިކޮށް ދިރާގު ޕޭގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވެސް ދިރާގުން ވަނީ ހަމަޖައްސައިފަ އެވެ.
- މާލޭގެ އިތުރުން ހުރިހާ ރަށްރަށެއްގެ ނަމާދުގަޑިތައް އަންގައިދީ އަދި ކޮންމެ ނަމާދެއްގެ ފަސް މިނެޓް ކުރިން ހަނދާންކޮށްދޭނެ އެވެ. މީގެ އިތުރުން ނަމާދު ކުރެވޭ ވަރު ޓްރެކް ކުރެވޭނެ އެވެ.
- ރޯދަ ހިފޭ ވަރު ޓްރެކް ކުރެވޭނެ އެވެ.
- ދިރާގުން މީގެ ކުރިން ރޯދަ މަހާ ގުޅިގެން ގެނެސްދީފައިވާ "ދިވެހިންގެ ރަހަ" ޝޯގެ ވީޑިއޯތައް ހުންނާނެ އެވެ.
- ޑެލިވަރީ ކޮށްދޭ ރެސްޓޯރަންޓްތަކުގެ މެނޫ އަދި ގުޅޭނެ ނަންބަރުތަކުގެ އިތުރުން ރެސްޓޯރެންޓްތަކާއި ކެފޭތައް ރޭޓްކޮށް ރިވިއުކުރެވޭނެ އެވެ.
- ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އެވެ. ފަސޭހަކަމާ އެކު ސަދަގާތް ވެސް ކުރެވޭނެ އެވެ.
- ފިޓްނަސް ވީޑިއޯ ކްލިޕްސް، "ދޯ"، "ޓޭސްޓްއެމްވީ"، "މޯލްޑިވްސް އިންސައިޑާ" ފަދަ މަޝްހޫރު އޮންލައިން މަޖައްލާތަކުގެ ބައެއް އާޓިކަލްތައް މިބައިގައި ހިމެނޭނެ އެވެ.
- ޑޮނޭޓްކުރުމާއި މޫސުން އަދި ދަތުރުފަތުރާއި އިވެންޓްތަކާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.
އެޕް އިތުރަށް ފުރިހަމަކޮށް ކަސްޓަމަރުން ބޭނުންވާ ފަދަ ފީޗާތައް ހިމެނުމުގެ މަސައްކަތް ދިރާގުން އަންނަނީ މިހާރު ވެސް ކުރަމުންނެވެ.