- ކާފިއު އުވާލިޔަސް ފުރަބަންދުގެ ދެމި އޮންނާނެ
- ކުޅިވަރު ކުޅޭ ތަންތަނާއި ޕާކްތައްވެސް ބަންދުވާނެ
ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި އެވެ. ކުޅުދުއްފުށި ސިޓީގައި ކާފިއު ހިންގާފައިވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ތެރެއިން ކައުންސިލްތަކަށް ދިން ބާރަކުންނެވެ.
ކުޅުދުއްފުއްޓަށްކީ މާލެ ފިޔަވާ ރާއްޖޭގައި އެންމެ ގިނަ މީހުން އަރައި ފައިބާ ރަށަށްވުމުން ބަލި ފެތުރުމުގެ ފުރުސަތު ކުޅުދުއްފުށީގައި ވަރަށް ބޮޑަށް އޮތުމުގެ ސަބަބުން ކޮވިޑް-19 ގެ ޓާސްކް ފޯސްގެ މަޝްވަރާގެ މަތިން ކުޅުދުއްފުށީގައި ކާފިއު އިއުލާނުކުރީ މިދިޔަ އެޕްރީލްމަހު 22 ވަނަ ދުވަހު އެވެ.
ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލިކަން އިއުލާނުކޮށްފައިވަނީ ދެންމެ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ސޮއިކުރައްވައި އާންމުކުރި އިއުލާނުންނެވެ. އެ އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާ ކަމަށެވެ.
ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލްތިމާސްކޮށްފައިވެ އެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވެފައިވަނީ ޑޮކްޓަރުން ލަފާ ދެއްވަނީ މިސްކިތްތައް ހުޅުވާލިޔަސް އުމުރުން ދުވަސްވީ މީހުން ޖަމާއަތަށް ނުދިއުމަށާއި މުސައްލަ ހިފައިގެން އަދި ގެއިން ވުލޫކޮށްގެން މިސްކިތްތަށް ދިއުމަށްކަމަށެވެ.
އަދި މިސްކިތުގައި ގިނަ އިރު މަޑު ނުކުރުމަށާއި މިސްކިތަށްދާއިރު މާސްކް އަޅަންވެސް ޑޮކްޓަރުން އިރުޝާދު ދެއްވާކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ ސިޓީ ކައުންސިލުން ހިންގާފައިވާ ކާފިއު ނިމުނުމަކަށް ގެނެސްފައިވީނަމަވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ސިއްހީ ކުއްލި ނުރައްކަލުގެ ދަށުން އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ބަދަލު އައިސްފައިނުވާނެ ކަމަށެވެ.
"އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އަމަލު ކުރަމުންދާ އުސޫލަށް ބަދަލެއް ނާންނާނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މީގެ އިތުރުން ޕާކުތަކާއި، ކުޅިވަރު ކުޅޭ ތަންތަން އަދި އާންމު ސަރަހައްދުތައް ވެސް ވަކި ގޮތެއް އަންގަންދެން ބަންދު ކުރެވިފައިއޮތް އޮތުން ދެމި އޮންނާނެ." ކުޅުދުއްފުށި ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނުގައިވެ އެވެ.
އިއުލާނުގައި ބުނެފައިވަނީ ކާފިއުއަށް ނިމުން ގެނައި ކަމުގައިވިޔަސް އިޖުތިމާއީ ގައިދުރުކަން ހިފެހެއްޓުމަށާއި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާކަމަށާއި މި ފުރުސަތުގައި ބަލި ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާކަމަށެވެ.