twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދަތުރު ލަސްކުރީ މާބަނޑު މީހާގެ ފިރިމީހާ: ނަރުދޫ ސިއްހީ މަރުކަޒު

ނަބީލާ އިސްމާޢީލް
May 26, 2020
5

ށ ނަރުދޫގައި މާބަނޑު އަންހެނަކު އޭނާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާ ގުޅިގެން ކަން ހިނގާދިޔަ ގޮތް ނަރުދޫ ސިއްހީ މަރުކަޒުން ހާމަކޮށްފި އެވެ. ނަރުދޫގެ އެ ހާދިސާ ހިނގައިދިޔަ ގޮތް އެ މަރުކަޒުން ހާމަކޮށްދީފައިވަނީ ރޭ ނަރުދޫ ސިއްހީ މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ މުސްތަފާ މޫސާ ސޮއިކުރައްވައި ނެރުނު ބަޔާނެއްގައު އެވެ.

ށ. ނަރުދޫ ސިއްހީ މަރުކަޒުން ބަޔާނުގައި ބުނެފައިވަނީ މި މަހު 18 ވަނަ ދުވަހު ބަލިމީހާގެ ފިރިމީހާ ވަނީ އެ މަރުކަޒަށް ގުޅާ 20 ވަނަ ދުވަހަށް ށ. އަތޮޅު ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމެންޓެއް ހައްދައިދިނުމަށް އެދިފައި ކަމަށެވެ. އެހެން ކަމުން ނަރުދޫ ސިއްހީ މަރުކަޒުން ށ. އަތޮޅު ހޮސްޕިޓަލަށް މިކަން އެންގުމުން ށ. އަތޮޅު ހޮސްޕިޓަލުގެ އެދުމުގެ މަތިން ބަލިމީހާއާއި ގުޅޭގޮތުން އެ ހޮސްޕިޓަލަށް ބޭނުންވާ ލިއުންތައް ފޮނުވި ކަމަށެވެ.

ނަމަވެސް ބަލިމީހާ ބޭނުންވި ދުވަހަށް (20 ވަނަ ދުވަހަށް) އެޕޮއިންޓްމެންޓް ހަމަޖެހޭގޮތް ވަނީ ނުވެފަ އެވެ. އަދި 22 ވަނަ ދުވަހު އެ ހޮސްޕިޓަލުން ވަނީ 23 ވަނަ ދުވަހުގެ 15:00 އަށް އެޕޮއިންޓްމެން ހަމަޖެހުނު ވާހަކަ ނަރުދޫ ސިއްހީ މަރުކަޒަށް އަންގާފައި ކަމަށާއި އެވަގުތު ބަލިމީހާގެ ފިރިމީހާއަށް އެ ކަމުގެ މައުލޫމާތު ހިއްސާކުރި ކަމަށް ނަރުދޫ ސިއްހީ މަރުކަޒުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި 23 ވަނަ ދުވަހު ވަނީ ށ. އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓާގެ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާތީ ވަދެނިކުތުމަށް ދަތިތަކެއް ހުރުމާއި އެކު އެދުވަހަށް ހަމަޖެހިފައިވާ އެޕޮއިންޓްމެންޓް ކެންސަލް ކުރެވިފައިވާ ވާހަކަ ބަލިމީހާގެ ފިރިމީހާއަށް އަދި ނަރުދޫ ސިއްހީ މަރުކަޒަށް ވަނީ އަންގާފަ އެވެ.

ށ. އަތޮޅު ހޮސްޕިޓަލުންވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ބަލިމީހާއަށް ލަފާދީފަ އެވެ. އަދި ސިއްހީ މަރުކަޒުން ވެސް ވަނީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ބަލިމީހައަށް ލަފާދީފައިކަމަށާއި ހަމަ މި ދުވަހު މިލަންދޫ ސިއްހީމަރުކަޒުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށް މަސައްކަތް ކުރެވިފައި ކަމަށެވެ. މިލަންދޫ ސިއްހީ މަރުކަޒުން ލަފާދިނީ އެ ސިއްހީމަރުކަޒުގައި އޮޕަރޭޝަން ކުރެވޭނެ އިންތިޒާމާއި ވަސީލަތްތައް ނެތުމުން އެ ހިދުމަތް ލިބޭނެ ހޮސްޕިޓަލަކަށް ދިއުމަށެވެ.

އަދި ބަލިމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަށް ދިއުމަށް 24 ވަނަ ދުވަހަށް ވަނީ އާސަންދައިގެ ދަށުން ސީ އެންބިއުލާންސްއިން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ކަމަށާއި ބަލިމީހާގެ ފިރިމީހާއަށް މިކަން ވާނީ އަންގާފަ ކަމަށް ނަރުދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

އެހެން ނަމަވެސް ބަލި މީހާގެ ފިރިމީހާ މި ދަތުރު ފަސްކުރުމަށް އެދުމުން އެކަން ވާނީ އާސަންދައަށް އަންގާފައި ކަމަށާއި ބަލިމީހާގެ ފިރިމީހާ ބޭނުންވީ 25 ވަނަ ދުވަހު މިލަންދޫ ސިއްހީ މަރުކަޒުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރަށް ދެއްކުމަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށެވެ. އަދި ނަރުދޫ ސިއްހީ މަރުކަޒުން ވަނީ މިލަންދޫ ސިއްހީ މަރުކަޒަން ދެއްކޭނެ އިންތިޒާމް ހަމަޖައްސާދީފައި ކަމަށެވެ.

25 ވަނަ ދުވަހު ހެނދުނު މިލަންދޫ ސިއްހީ މަރުކަޒަށް ދެއްކުމުން އެ ސިއްހީ މަރުކަޒުގެ ޑޮކްޓަރަށް ބަލިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ވިންދު ހުރިކަމަށް ނުދައްކާތީ ވަސީލަތް ތައް ހުރި ހޮސްޕިޓަލަކަށް ދިއުމަށް އެ މަރުކަޒުން އެންގި އެވެ. އަދި އެއަށްފަހު އެނބުރި ނަރުދޫއަށް ގޮސް ނަރުދޫ ސިއްހީމަރުކަޒަށް އެ ދުވަހު 12:00 ވަނީ ދައްކާފައި ކަމަށާއި ނަރުދޫ ސިއްހީ މަރުކަޒުގެ ނަރުހަކާއި ފޫޅުމައި އަދި އޮކްސިޖަން ގުޅޭނެ އިންތިޒާމާއެކު އާސަންދައިގެ ދަށުން 13:35 ގައި ކުޅުދުއްފުއްޓަށް އެ މީހާ ފޮނުވާލެވުނު ކަމަށް ނަރުދޫ ސިއްހީ މަރުކަޒުން މައުލޫމާތުދީފައިވެ އެވެ.

ނަރުދޫއަކީ ކަރަންޓީނުކޮށްފައިވާ ރަށަށްވާތީ އެ މީހާ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް އަތޮޅު އަދި ސަރަހައްދީ ހޮސްޕިޓަލުންވެސް ގާއިމުކޮށްފައިނުވާކަމަށް ބުނެ އާއިލާގެ ބައެއް މީހުންނާ ހަވާލާދީ މީޑިއާތަކުގައި ފެތުރި ޙަބަރު ވަނީ ފުނަދޫ އަތޮޅު ހޮސްޕިޓަލުންނާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވެސް ދޮގުކުރައްވާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355