ވަކި ހާއްސަ ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 އަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ މެލޭރިއާ ބޭސް ނުވަތަ ހައިޑްރޮކްސީކްލޮރޮކުއިން ބޭނުންކުރުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
ކޮވިޑް-19 ބަލީގެ ބައެއް މީހުންނަށް ފަރުވާ ލިބޭކަމަށް ބަލައި ޑަބްލިއުއެޗްއޯގެ ސޮލިޑާރިޓީ ޓްރަޔަލްގައި މިހާތަނަށް އައީ ހައިޑްރޮކްސީ ކްލޮރޮކުއިން ބޭނުންކުރަމުންނެވެ.
އެ ޖަމްއިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އެދަނޯމް ގެބްރިއޯސުސް ވިދާޅުވީ، މެލޭރިއާއަށް ފަރުވާކުރުމަށް ބޭނުކުރާ ބޭސް ހައިޑްރޮކްސީކްލޮރޮކުއިން އެ ޖަމްއިއްޔާއިން ހިންގާ ސޮލިޑާރިޓީ ޓްރައިލްގައި ބޭނުންކުރުން މިހާރު ވަގުތީގޮތުން ހުއްޓާލާފައިވާކަމަށާއި މިގޮތަށް ނިންމާފައިވަނީ ބޭހުގެ ރައްކާތެރިކަމާއިމެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި ބޭހުގެ ރައްކާތެރިކަން ކަށަވަރުކޮށްފައި މެނުވީ ބޭސް ބޭނުން ނުކުރުމަށްކަމަށެވެ.
މި ބޭސް ބޭނުންކުރުން ހުއްޓާލާފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އިންޑިއާއިން ވަމުންދާ އެހީތަކުގެ ދަށުން ދާދިފަހުން އެގައުމުންވެސް ވަނީ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހައިޑްރޮކްސިކްލޮރޮކުއިންގެ ފަންސާސް ހާސް ބޭސްގުޅަ ހަދިޔާކޮށްފައެވެ.
އަދި ރާއްޖޭގައިވެސް ހައިޑްރޮކްސީކްލޮރޮކުއިން ބޭނުންކުރަމުންދާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.