ކުޅުދުއްފުށީގައި ކުޅިވަރު ކުޅޭ ދަނޑުތައް އިއްޔެއިން ފެށިގެން ހުޅުވާލައި ކުޅިވަރު ކުޅުމުގެ ހުއްދަ އަލުން ކުޅުދުއްފުށީ ކޮވިޑް ޓާސްކް ފޯސްއިން ދީފި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުން އެއްވެ އުޅުން މަނާކޮށް ކުޅިވަރު ކުޅޭ ދަނޑުތަކާއި މީހުން އެއްވެ އުޅޭ ޕާކް ފަދަ ތަންތަން ވަނީ ބަންދުކޮށްފައި އެވެ.
ކުޅުދުއްފުށީ ކޮވިޑް ޓާސްކް ފޯސްއިން ބުނީ ޔޫތް މިނިސްޓްރީގެ 03/2020 ދެންނެވުމުގައިވާ ގޮތަށް ކުޅުދުއްފުށީގެ ކުޅިވަރު ކުޅޭދަނޑުތައް 26 މެއިން ފެށިގެން ހުޅުވާލަން ނިންމާކަމަށެވެ. ނަމަވެސް ގިނަބަޔަކު އެއްވެ ހިންގާ އެއްވެސް ހަރަކާތަކަށް ޓާސްކް ފޯސްއިން ހިތްވަރު ނުދޭކަމަށެވެ.
ކުޅިވަރާއި ކަސްރަތުގެ ތެރޭގައި އުޅޭ އިރުވެސް އާންމު ސާފުތާހިރު ކަމުގެ މިންގަނޑު ތަކުގައި ހިފަހައްޓަން ނަސޭހަތް ތެރިވާކަމަށެވެ. އެ ގޮތުން ކުޅު ނުޖެހުމާއި މޫނުމަތީ ގައި އަތް ހޭކުން ފަދަ ކަންކަމުން ދުރުވުން މުހިންމުކަމަށެވެ.
ރޯގާ ނުވަތަ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންމެގެ ރައްކަލަށްޓަކައި ގޭގައި މަޑުކުރުމަށާއި އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭނެ ގޮތަކަށް ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުން އިހްތިޔާރު ކުރުމަށް ވަނީ ޓާސްކް ފޯސް އިން އިލްތިމާސް ކޮށްފަ އެވެ.
ބަލިގެ އަސަރު ނެތް ރަށްތަކުގައި އުސޫލުތަކަށް ލުއިދީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް ހުޅުވާލައި ކުޅިވަރު ކުޅުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.