މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓުތައް ލިބިއްޖެ ކަމަށާއި އަންނަ ހަފުތާގައި ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޭލެވެލް ސެޓްފިކެޓްތައް ލިބިފައިވާ ކަމަށެވެ. ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭލެވެލް އިމްތިހާނުގެ ސެޓްފިކެޓްތަކާއި އެސްއެސްސީ އިމްތިހާނުގެ ސެޓްފިކެޓްތައް އެއްކޮން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށެވެ.
އަންނަ ހަފުތާގައި ސެޓްފިކެޓުތައް ފޮނުވަން ފެށި ކަމުގައި ވީނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރަށް އައިސްފައިވާ ހާލަތުގެ ސަބަބުން އެ އެއްޗެހިތައް ލިބުން ލަސްވެދާނެ ކަމަށެވެ.
އަދި މޮނިޓަރިންގެ ހާލަތުގައި ނުވަތަ ލޮކްޑައުންކޮށްފައިވާ ރަށެއްނަމަ ކުރީ އަހަރުތަކުގައި ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރި އުސޫލުން ދޫނުކުރާނެ ކަމަށާއި އެފަދަ ރަށްރަށުގައި ސެންޓަރުތަކަށް ކޮންމެ ދަރިވަރަކުގޮސް ސެޓްފިކެޓް ނެގުމުގެ ބަދަލުގައި މި ހާލަތުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އާއްމު ކުރާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
އޯލެވެލް އިމްތިހާނުގެ ނަތީޖާ ސެޓްފިކެޓްތައް ދަތުރުފަތުރުގެ ދަތިކަމާހުރެ އަދިވެސް ރާއްޖެ ލިބިފައިނުވާ ކަމަށާއި ނަމަވެސް އެ ސެޓްފިކެޓްތައްވެސް މިހާރު ލިބުމުގެ މަގުމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް ގައުމުތައް ލޮކްޑައުންކޮށްފައިވުމުން ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ.