twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދުވަސްވީ މީހުންނަށް ނުރައްކާތެރި ބަލިތަކުގައި މަރުވާ މީހުންގެ ހިނެވުމުގައި ބައިވެރިނުވެވޭނެ

Jun 1, 2020

ނުރައްކާތެރި ބަލިތަކުގައި މަރުވާ މީހުން ހިނަވައި، ކަށުކަމާކެމީގެ ކަންތައްތަކުގައި ދުވަސްވީ މީހުންނަށް ބައިވެރި ނުވެވޭ ގޮތަށް ގަވައިދު އެކުލަވާލައިފި އެވެ.

އެގޮތުން މިހާރު އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހަކު ހިނެވުމުގެ ކަންކަމުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އަދި ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންގެ ބަލީގެ ސަބަބުން، އެ މައްޔިތާ ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންނަށާއި މުޖުތަމައަށް ހުރި ސިއްހީ ނުރައްކާ ވަނީ ގިންތިކޮށްފައެވެ.

ފުރަތަމަ ގިންތިއަކީ ނުރައްކާތެރި ބައްޔަކަށް ވުމާއެކު، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައި، މުޖުތަމައަށް އެ ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވުމާއެކު، އާންމުގޮތެއްގައި އެ ފަދަ ބަލިބަލިން ދިފާއުވުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ހުރުމާއި، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާ ހުންނަ ހާލަތެވެ.

ދެވަނަ ގިންތިއަކީ އިންސާނުންނަށް ނުރައްކާތެރި ބައްޔަކަށް ވެފައި، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށާއި މުޖުތަމައަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ގަބޫލުކުރެވުމާއެކު، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާއެއް ހޯދިފައި ނެތް ހާލަތެވެ.

މީގެ އިތުރުން ގަވައިދުގައި ނުރައްކާތެރި ބައްޔެއް ޖެހިގެން މީހަކު މަރުވެއްޖެ ހިނދެއްގައި، މައްޔިތާ ތަންތަނަށް އުފުލުމުގައްޔާއި، މައްޔިތާއަށް އަޅައިލުމުގައްޔާއި، މައްޔިތާ އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައްޔާއި، މައްޔިތާ ވަޅުލުމުގައި އަމަލުކުރާނެ ގޮތާއި، ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައިވަނިކޮށް އެ މީހަކު ކަށްވަޅުން ނަގައި، އެހެން ތަނަކަށް ގެންގޮސް އެހެން ތަނެއްގައި، ނުވަތަ އެ ނެގި ތަނެއްގައި އަލުން ވަޅުލުމުގައި އަމަލުކުރާނެ ގޮތްތަކާއި، އެ ކަންކަމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ވަނީ ބަޔާންކޮށްފަ އެވެ.

ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރާ މީހުންނާ ގުޅޭގޮތުން ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ނުރައްކާތެރި ބައްޔެއް ޖެހިގެން، ސިއްހީ ހިދުމަތްދޭ ތަނެއްގައި މަރުވާ މީހުން ހިނަވައި، ކަށުކަމާކެމީގެ ކަންކަން ކުރާނީ އެމީހާ މަރުވި ވޯޑެއްގައެވެ. އެއަށްފަހު އެތަނުން މައްޔިތާ ނެރެން ވާނީ ބޮޑީބޭގެއްގައެވެ.

ބޮޑީބޭގަށް މައްޔިތާ ލުމަށްފަހުގައި، ސައިބޯނި ލައިފައިވާ ފެން ފޮތިގަނޑަކުން، ބޮޑީބޭގުގެ ބޭރު ސާފު ކުރަން ވާނެއެވެ. އަދި ބްލީޗް ސޮލިއުޝަނުން ޑިސްއިންފެކްޓު ކުރަންވާނެއެވެ.

އަދި މައްޔިތާ ވަޅުލުމަށްޓަކައި ސަންދޯކަށް ލުމަށްފަހު، ސަންދޯން ބަންދުކޮށް، ސައްދޯކުގެ ބޭރުވެސް ބްލީޗް ސޮލިއުޝަނުން ޑިސްއިންފެކްޓު ކުރަންޖެހޭނެއެވެ.

އެ ކަންކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެން ތިބެންޖެހޭނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ލައިގެންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355