ދިމާވާ ކުއްލި ސިއްހީ ހާލަތްތަކުގައި ފަރުވާދެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުމާ ބެހޭ ގޮތުންނާއި އަތޮޅު ތެރޭގައި ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމާ ބެހޭ ގޮތުން ރައިސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް ސިއްހީދާއިރާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
އޮންލައިން ކޮށް އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި ނައިބު ރައީސްގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި އާސަންދަ ކުންފުންޏާއި އެސްޓީއޯގެ އިސްވެރިނާއި ސިއްހީ ދާއިރާގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދިމާވާ ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާދިނުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ވީހާވެސް ބާރު ސްޕީޑެއްގައި ހަރުދަނާގޮތެއްގައި ފޯރުކޮށްދިނުމާ ގުޅޭގޮތުންނެވެ.
ހާއްސަގޮތެއްގައި މާބަނޑު މީހުންނަށް ބޭނުންވާ ފަރުވާދިނުމުގައި ވީހާވެސް ހަރުދަނާ އަވަސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ދިމާވާ އެކިއެކި ސިއްހީ ކުއްލި ހާލަތްތަކުގައި ފަރުވާގެ ކަންކަން އިންތިޒާމުކުރުމުގައި މިހާރަށްވުރެ ހަރުދަނާ އިންތިޒާމުތަކެއް ރާވައި ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
އަދި ނައިބު ރައީސް ވަނީ އިމަޖެންސީކޮށް ފަރުވާ ދޭންޖެހޭ ހާލަތްތަކުގައި ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަޖެހޭނެގޮތަށް ކަންކަން ރޭއްވެވުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހަމަޖެހިފައި ހުރިކަން ކަށަވަރުކުރެއްވުމަށް ވެސް ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށްވެސް ނައިބު ރައީސް ވަނީ މި ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުންނާއި އެކި އިދާރާތަކުގެ އިސް ބޭފުޅުން ވަނީ މިހާރު ހިދުމަތްދިނުމުގައި ހުރި ދަތިތަކާއި ކަންކަން ހަރުދަނާކޮށް ރަނގަޅުކުރުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން މިހާރު ހުރި މައްސަލަތައް ހައްލުކޮށް އަވަސްފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.