ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނާއި އާމްދަނީ އަށް އަސަރު ކޮށްފައިވާ، އަމިއްލަ މަސައްކަތްތެރިންނަށް މިހާތަނަށް 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.
އެގޮތުން ކޮވިޑް-19 އާ ގުޅިގެން، ވަޒީފާ ގެއްލޭ މީހުންނާއި އާމްދަނީ އަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޫކުރަން ހަމަޖެހިފައިވާ އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 488 މީހުންނަށް ދޫކޮށްފައިވާ ކަމަށާއި އެ މީހުންނަށް 1،967،000 ރުފިޔާ ދޫކޮށްފައިވާ ކަމަށް އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ކޮވިޑް -19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލު" ގައިވާ ގޮތުން، އަމިއްލަ މަސައްކަތް ކުރާ މީހުންނާއި ވަޒީފާ ގެއްލި ނުވަތަ ވަޒީފާގެ ހާލަތަށް އަސަރު ކުރާ މީހުންނަށް ވެސް ލިބޭނީ 5،000ރ. އެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެލަވަންސް ލިބޭނީ، އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000ރ. ރުފިޔާ އަށް ވުރެ ދަށް އަދަދެއް ނަމަ 5،000ރ. އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ފޯރުކޮށްދެވޭނެ އެވެ.
އަދި އެލަވަންސް ދިނުމުގައި ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5،000ރ. ނުވަތަ އެއަށްވުރެ މަތީ އަދަދެއް ނަމަ، އެ ފަރާތަކީ، މި އުސޫލުގެ ދަށުން ދެވޭ އެލަވަންސަށް ޝަރުތު ފުރިހަމަވާ ފަރާތެއް ކަމުގަ އެއް ނުބެލެވޭނެ އެވެ.
މި އެލަވަންސް ލިބޭނީ 1 މާޗު 2020 ގައި، އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެއެވެ. އަދި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށެވެ.