ރައްޔިތުންގެ މަޖިލީހުގެ ސޯޝިއަލް ކްލަބުގެ ދަށުން މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓްއަކާއި، ފިހާރަކާއި، ޖިމެއް ހުޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓްއަކާއި ޖިމަކާއި ފިހާރައެއް ހުޅުވަނީ މަޖިލީހުގެ ސޯޝަލް ކްލަބް އިން އިސްނަގައިގެން ކަމަށެވެ.
މަޖިލީހުގެ ސޯޝަލް ކްލަބްގައި ތިބެނީ މަޖިލީހުގެ އެ ވަގުތެއްގައި ތިއްބަވާ މެންބަރުންނާއި މުވައްޒަފުންނެވެ. ނަމަވެސް މަޖިލީހުގެ ކުރީގެ މެންބަރުންނާއި ކުރީގެ މުވައްޒަފުން ވެސް އެ ކްލަބްގައި ބައިވެރިވެވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށްލައި މަޝްވަރާކޮށްލުމުގެ އިންތިޒާމް ވެސް ރެސްޓޯރެންޓްގައި ހަމަޖެއްސުމަށް މަސައްކަތް މަޖިލީހުން ކުރަމުން އަންނަ ކަމަށެވެ. ރެސްޓޯރަންޓާއި ޖިމާއި ފިހާރައިގެ އިތުރުން އާ އިމާރާތުގައި ހަމަޖައްސާފައިވާ އަނެއް އިންތިޒާމަކީ މަސައްކަތްތައް ކުރުމަށް ކޮންމެ މެމްބަރަަކަށް ދޫކުރާ ކިއުބިކަލްތަކެވެ. އެ ކިއުބިކަލްތަކުުގައި މެމްބަރުންގެ މުވައްޒަފުންނަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށްް ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކޮޓަރިކޮޅުތައް ވެސް މިހާރު ނިމިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އުންމީދަކީ މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން މުގައްރިރުން މަޖިލީހުގެ ސްޓާފުންނާ އެކުގައި ކޮމިޓީތައް ކުރިއަށް ގެންދަންވީ ގޮތުގެ މިސްރާބާއި ވާހަކަ ދައްކަވާ ދުވަހަށް ތައްޔާރުވުން ކަމަށް ނަޝީދު ވިދާޅުވި އެވެ.