twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފޯކައިދޫ ސްކޫލަށް ތާރީހީ ދުވަހެއް، ދިގު އިންތިޒާރެއްގެ ފޮނި ނިމުން

ނަބީލާ އިސްމާޢީލް
Jul 2, 2020
1

ދެވަނަ ޓާމް ސްކޫލުތައް ބަންދުވުމަށްފަހު މުޅި ދުނިޔެއަށްވެސް ކުރިމަތިވި ކޮވިޑްގެ ބިރުވެރިކަމެވެ. އެއާއި އެކު ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކިޔެވުން މި ވަނީ ފަށާފަ އެވެ.

ކިޔެވުން ފެށުނު އިރު ށ.ފޯކައިދޫ ސްކޫލަށް އިއްޔެއަކީ ތާރީހީ ބޮޑު ދުވަހެކެވެ. ދިގު އިންތިޒާރެއްގެ ފޮނި ނަތީޖާ އެއް ފެނުނު ދުވަހެކެވެ. 40 އަހަރުވަންދެން ބޭނުންކުރަމުން އައި ޔުނީފޯމް އާ ޔުނީފޯމަކަށް ބަދަލުވެ ބޭނުންކުރަން ފެށުނު ދުވަހެވެ.

ކޭއޯ އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވީ ސްކޫލު ޔުނީފޯމް ބަދަލުކުރުމުގެ މަސައްކަތް ކުރާތާ 4 އަހަރު ވެއްޖެ ކަމަށާއި، ޔުނީފޯމް ބަދަލު ކުރުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

މަތީން ވިދާޅުވީ ހުދު ޔުނީފޯމް، ހުދާއި ފެހިކުލައިގެ ގޮޅިޖެހި ޔުނިފޯމަކަށް ބަދަލުކޮށް ބޭނުންކުރަން އެ ސްކޫލުން ފުރަތަމަ ނިންމީ މިއަހަރު ދިރާސީ އަހަރު ކިޔެވުން ފެށޭ ދުވަހު ކަމަށް ނަމަވެސް ފޮތި ލިބުމުގައި ދަތިތަކެއް ދިމާވެގެން އެހާތަނަށް އާ ޔުނީފޯމް ބޭނުންކުރެވޭ ގޮތް ނުވީ ކަމަށެވެ.

މަތީން އިތުރަށް ވިދާޅުވީ ކުރިން ބޭނުން ކުރި ހުދު ޔުނީފޯމް ބަދަލުކުރަން ނިންމި މައިގަޑު ސަބަބީ ހުދު ޔުނީފޯމް ކިލާވާލެއް އަވަސް ކަމުން ބެލެނިވެރިން ކުރަމުން އަައި ޝަކުވާތަކަށް ނިމުމެއް ގެނެސްދިނުމެއް ކަމަށެވެ.

ޔުނީފޯމަށް ގެނައި ބަދަލާއި އެކު އަންހެން ކުދިން އަރާ ބޫޓާއި އިސްޓާކީނު ވަނީ ކަޅު ކުލައަަށް ބަދަލުކޮށްފައެވެ. އެލް.ކޭ.ޖީން ފެށިގެން ގްރޭޑް 6 އަކާއި ހަމައަށް ކިޔަވާ ފިރިހެން ދަރިވަރުންނަށް ހާއްސަކޮށްފައިވަނީ ހުދާ ފެހި ކުލައިގެ ކުދިގޮޅިޖެހި އަތްކުރު ޔުނިފޯމާއެކު ކަޅު ބެލްޓާއި، ކަޅު ފަޓުލޫނާއި، ކަޅު އިސްޓާކީނު އަދި ކަޅު ބޫޓެވެ. އަންހެން ދަރިވަރުން ބޭނުންކުރާނީ ހުދާ ފެހި ކުލައިގެ ކުދިގޮޅިޖެހި އަތްކުރު ޔުނިފޯމާއެކު ކަޅު ބެލްޓާއި، ކަޅު ސްކަރޓާއި، ކަޅު އިސްޓާކީނު އަދި ކަޅު ބޫޓެވެ. ބުރުގާ އަޅާ ދަރިވަރުން އަތްދިގު ޔުނިފޯމާއެކު ސްކާރޓްގެ އަޑިން ކަޅު ހަރުވާޅު ބޭނުންކުރާނެއެވެ.

ޕްރިންސިޕަލް ފާހަގަ ކުރެއްވި ގޮތުގައި ހުދު ނޫން އެހެން ކުލައެއްގެވެސް އެއްކުލާ ފޮތި ބޭނުންކޮށްގެން ޔުނީފޯމް ތައްޔާރު ނުކުރީ ކުޅުދުއްފުށީ ކަހަލަ ސްކޫލުތަކުގެ ތަޖުރިބާއަށް ބަލާފައި ކަމަށެވެ.

ގްރޭޑް 7 އިން 12 އާއި ހަމައަށް ކިޔަވާ އަންހެން އަދި ފިރިހެން ދަރިވަރުންވެސް ބޭނުންކުރާނީ އަތްދިގު ޔުނިފޯމެވެ. މި ގްރޭޑްތަކުގެ ދަރިވަރުން ޔުނިފޯމާއެކު ސްކޫލުގެ ބެޖު ހިމެނޭ ޓައިއެއް ބޭނުންކުރާނެއެވެ. ބުރުގާ އަޅާ ދަރިވަރުން ޔުނިފޯމާއެކު ބޭނުންކުރާނީ ކަޅު ބުރުގާއެވެ.

ޖުމްލަ 470 ދަރިވަރުން ކިޔަވާ މި ސްކޫލުގެ ޔުނިފޯމަށް ބޭނުންވާ ފޮތްޗާއި، ސްކޫލް ބެޖު އަދި ޔުނިފޯމް ފަހައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ފޯކައިދޫ ސްކޫލުން ވަނީ ކޮޓޮން ވޯރކްސްއާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ގާއިމުކޮށްފައެވެ.

އާ ޔުނީފޯމާއި އެކު މިސްކޫލުގައިވެސް ނިއު ނޯމަލްގައި ކިޔަވައިދޭން ފަށާފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްގެންނެވެ. ސްކޫލަކީ ކުރިންވެސް ދެ ދަންފަޅިއަށް ކިޔަވާދޭ ސްކޫލެކެވެ.

ސްކޫލު ޕްރިންސިޕަލް ވިދާޅުވީ ޖާގައިގެ ދަތިކަމުގެ ސަބަބުން އަލްޓަނޭޓިވް އުސޫލުން ބައެއް ކްލާސްތައް ދެ ދުވަހުން އެއް ދުވަހު ނަގައިދޭ ގޮތަށެވެ. ދަރިވަރުންނާއި މުވައްޒަފުންގެ ހުން ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ކްލާސްރޫމްތަކާއި، ސްކޫލް ގޯތިތެރޭގައި ވަނީ މާކުތައް ކުރަހާފައެވެ. އަދި ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ހަމަޖައްސާ، ސާފުތާހިރުކަމަށާއި، މާސްކް އެޅުމަށް ހިތްވަރުލިބޭފަދަ ހޭލުންތެރިކުރުވުމުގެ ޕޯސްޓަރުތައް ހަރުކޮށްފައިވާކަމަށް ކަމަށެވެ.

ޕްރިންސިޕަލް އިތުރަށް ފާހަގަ ކޮއްފައިވަނީ ސްކޫލުގެ ހުރިހާ ސްޓާފުންނާއި އެންވާރުމެންޓް ކުލަބުގެ ބުރަ މަސައްކަތުން މިހާރުގެ އަމާޒަކީ އެ ސްކޫލަކީ ތިމާވެށްޓާއި ރަށްޓެހިވާނެހެން "ގްރީން" ކޮންސެޕްޓަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމެވެ. އަދި ސްކޫލުގެ މުޅި ގޯތިތެރޭގައި ކާޕެޓްވިނަ ހައްދާފައިވާއިރު، ސްކޫލްތެރެ ފެހިކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ތިމާވެށްޓާމެދު ދަރިވަރުން އަހުލުވެރިކޮށް ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355