twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުތުރާއި ދެކުނަށް ގެންދާ މުދަލުގެ 50 ޕަސެންޓް ޑިއުޓީ ކަނޑާލަން ހުށައަޅައިފި

Jul 7, 2020

ހދ. ކުޅުދުއްފުށި ސަރަހައްދީ ބަނދަރާއި ސ. ހިތަދޫ ސަހަރައްދީ ބަނދަރަށް ގެންދާ މުދަލުގައި ހިމެނޭ އާންމު ގިނަ ބާވަތްތަކުގެ މުދަލުގެ ޑިއުޓީން 50 ޕަސެންޓް ކަނޑާލަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހަޅުއްވައިފި އެވެ.

މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކުޅުދުއްފުށްޓާއި ހިތަދޫއަށް ފޮނުވާ ތަކެތީގެ ތެރެއިން އިިމްޕޯޓް ޑިއުޓީ މާފު ކޮށްދެވޭ ތަކެތީގެ ލިސްޓު މޯލްޑިވްސް ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ އުސޫލެއް ކަސްޓަމްސް އިން އެކުލަވާލަން ޖެހޭނެ ކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދާއި ދެކުނުގެ ސަރަހައްދުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާވެ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ބިލަށް މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އެ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ. މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އިތުރު ވޯޓެއް އަދި ނަގަން ޖެހޭނެ އެވެ. އެ އިސްލާހާއެކު ބިލު ފާސް ވެގެން ދާނީ މަޖިލީހުގެ ތަޅުމުގައި ނަގާ އެ ވޯޓުންނެވެ.

އާންމު ބޭނުންތަކަށް ބޭނުން ކުރާ ގިނަ މުދަލުން ޑިއުޓީން ހިމެނޭއިރު އޭގެ ތެރޭގައި ތަށިމުއްޓާއި ބަދިގެ ސާމާނާއި، ބިއްލޫރި އާއި، އައިސްއަލަމާރި، ފެން ފިލްޓާ ކުރުމަށް ބޭނުންވާ ސާމާނާއި، ގޮދަޑި، ބާލީސް، ތަންމަތި، ފާރުނީޗަރު، އިންވާޓާ އެއާ ކޮންޑިޝަނާ އުލާއި ސަމުސަލާއި، ވަޅި ވެސް ހިމެނެ އެވެ.

ބަނދަރުން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެއްޗި ހިމެނެ އެވެ. އަދި ރީތި ވުމަށާއި ފެން ވެރުމަށް ބޭނުން ކުރާ ތަކެތި ވެސް ހިމެނެ އެވެ. އަންނައުނު އުފައްދަން ބޭނުން ކުރާ ކަފަ އާއި، އުއި އާއި، ރޮދި، އަދި ބަރަންޏާއި ފޮތި ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މީގެ އިތުރުން އެއްގަމު އުޅަނދު ފަހަރު ވެސް ބަނދަރުތައް ގެންދެވޭ މުދަލުން ޑިއުޓީ ކަނޑާލެވޭ މުދާ ތަކުގެ ތެރޭގައި ހިމެނެ އެވެ. މިފަދަ ތަކެތީގެ އިންޖީނާއި އޭގެ ބައިތަކާއި، މެރިން އިންޖީނުތައް ވެސް ހިމެނެ އެވެ. އަދި އައިނާއި، އޭގެ ބައިބައި، ހިތުގެ ވިންދު އުފެއްދުމަށް ބޭނުން ކުރާ ގެޖެޓްއާއި، މެޑިކަލް، ސާޖިކަލް، ޑެންޓަލް ފަދަ ސިއްހީ ވަސީލަތްތަކުގެ ސާމާނުތައް ވެސް ހިމެނެ އެވެ. ނެޕީ އާއި ނާސިން ޕެޑް، ސެނިޓަރީ ޓަވަލާއި ޓެމްޕްޓޮންސް ވެސް ހިމެނެ އެވެ.

އަދި މުތާއި އަގުބޮޑު މައުދަނާއި ޖަވާހިރު އާއި ދަނގަޑާއި އެކަތަ އާއި ޓިނު އެލްމަނިއަމް އާއި އެލްމަނިއަމް އިން އުފައްދާ ތަކެތި ހިމެނެ އެވެ. ކޮމްޕިއުޓަރާއި ކޮމްޕިއުޓަރާއި ގުޅޭ ސާމާނުގެ ބާވަތްތައް، ސްޕީކަރާއި، ހެޑްފޯނާއި، މޯބައިލް ފޯނާއި، ޓީވީއާއި، ޑިޖިޓަލް ކެމެރާ ފަދަ އިލެކްޓްރޯނިކްސް ވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355