twitterviber whatsapp telegramfacebookyoutube instagram
25th April 2024

އަތޮޅުތެރޭގެ ޓޫރިޒަމަށް ދޫކުރާ ބިމު ކުލި ކުޑަ ކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Jul 21, 2020

ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން، އެ ސަރަހައްދުތަކުގައި ޓޫރިޒަމަށް ދޫކުރާ ބިމުން ނަގާ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރޭގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓްތަކުގެ ބިމުގެ ކުއްޔަށް ބަދަލު ގެންނަން ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ޓޫރިޒަމަށް އަތޮޅު ތެރޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.

ޓްވީޓެއްގައި ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ނުވަ ސަރަހައްދަކުން ޓޫރިޒަމަށް ނަގާ ކުލި ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ސަރުކާރުން ހުށަހަޅަނީ އައްޑު އާއި ފުވައްމުލަކުގައި ހިންގާ ރިސޯޓްތަކުގައި އަކަމީޓަރަކަށް ދެ ޑޮލަރު ނެގުމަށާއި ހއ. އާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ އިތުރުން ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި އަކަމީޓަރަށް ހަ ޑޮލަރު ނެގުމަށެވެ.

މި ބަދަލާއެކު އައްޑޫއާއި ފުވައްމުލަކުން ޓޫރިޒަމަށް ދޫކުރާ ބިންތަކުން ކުލީގެ ގޮތުގައި ނެގޭ އަދަދު ލިމިޓްވާނެ އެވެ. މި ސަރަހައްދުން ދޫކުރާ ބިން ތަކުން ގިނަ ވެގެން ނެގޭނީ 800،000 ޑޮލަރެވެ. އަދި ހދ. އަދި ހއ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ނެގޭނީ އެއް މިލިއަން ޑޮލަރެވެ. އަދި ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުން ދޫކުރާ ރަށްތަކުން ނެގޭނެ އެންމެ ބޮޑު އަދަދަކީ 1.5 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ހިންގުމަށް ނަގާ ބިމު ކުއްޔަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގައި އަކަމީޓަރަށް އެއް ޑޮލަރު ނެގުމަށާއި ހއ އަތޮޅާއި ހދ. އަތޮޅުގައި އަކަމީޓަރަކަށް ދެ ޑޮލަރު ކަނޑައެޅުމުގެ އިތުރަށް ށ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައި ތިން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި ހަތަރު ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާނެ ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.

ޓޫރިޒަމަށް ދޫކުރާ ތަންތަނުން ލިބޭ ކުލި ކުޑަ ކުރަން ސަރުކާރުން ނިންމިއިރު، ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކުގެ ކުލި ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. ޓެކްސް ފިޔަވައި، ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުލިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355