twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކައިޓް ސާފަރުން، ރަށްރަށުގެ ރީތިކަން އިސްތިހާރުކުރުމަށް ބޮޑު އެހީއެއް

އަބްދުލް ވާހިދު ޙަސަން
Jul 22, 2020

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކުޅުދުއްފުށީ ކައިޓް ބޯޑިންގ ގެ އެނުއަލް ޓްރިޕް މިވަނީ ބާއްވާފައިވެ އެވެ. މިއަހަރުގެ ޓްރިޕަށް ގޮސްފައިވަނީ ވަށައިގެން ބޮޑު މޫދާއި ގުދުރަތީ ރީތިކަން ލިބިފައިވާ ހދ ނައިވާދޫއަށެވެ. މިއީ ކުޅުދުއްފުށީ ކައިޓް ސާފަރުން އެރަށަށް ޓްރިޕް ދިޔަ ތިންވަނަ ދަތުރެވެ.

ކުޅުދުއްފުށީ ކައިޓް ބޯޑިންގ އިސްނަގައިގެން މިއަހަރުގެ އެނުއަލް ޓްރިޕްގައި 40 ކައިޓް ސާފަރުން ބައިވެރިވި އެވެ. ކޮންމެ އަހަރުކުވެސް ކުޑަ އީދު ބަންދާ ދިމާކޮށް ކުރިއަށްދާ މި ޓްރިޕް މިއަހަރު ލަސްވީ ކޮވިޑާ ގުޅިގެންނެވެ. މި ޓްރިޕްތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކުޅުދުއްފުށީގެ ހުރިހާ ކައިޓް ސާފަރުން އެއްތަނަކުން ދިމާވެ މަޖާ ވަގުތު ކޮޅެއް ހޭދަކުރުމެވެ.

މި ޓްރިޕާ ބެހޭ ގޮތުން މައުލޫމާތު ދެމުން ކުޅުދުއްފުށީ ކައިޓް ބޯޑިންގެ އިސް މެމްބަރަކު ބުނީ، މިއަހަރުގެ ޓްރިޕްގައިވެސް ބިގިނާސް އުޅޭނެ ކަމަށެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ މި ޓްރިޕްތަކަށް އެރަށްރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން އޭނާ ފާހަގަކުރި އެވެ.

"މި ޓްރިޕްތަކުގެ އެއް ބޭނުމެއް އެއީ ކައިރި ރަށްރަށުގެ ރީތިކަން އިސްތިހާރުކުރުންވެސް. މިދަތުރުތަކުގެ ސަބަބުން ރަށްރަށުގެ ފަތުރުވެރިކަން ފުޅާކުރަންވެސް ބޮޑު ބާރަކަށްވޭ." ކުޅުދުއްފުށީ ކައިޓް ބޯޑިންގގެ އޮފިޝަލަކު ބުންޏެވެ.

މިދަތުރުތަކުގައި ފޮޓޯގްރާފަރުންނާއި ވިޑިއޯގުރާފަރުން ބައިވެރިވެ އެވެ. އެ މީހުންގެ ލެންސްތަކުން ކުރަހާ މަންޒަރުންތަކުން މުޅި ސޯޝަލް މީޑިއާ ފުރާލަ އެވެ. އަދި ސާފަރުންގެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯތަކުން އެ މަންޒަރުތައް ވަގުތުން ދެއްކުމުގެ ސަބަބުން އެރަށެއްގެ މަގުބޫލުކަން ބޮޑުވެ، ގުދުރަތީ ރީތިކަމާއި ހިތްގައިމުކަން ފެނި އިސްތިހާރުވުމަށް ބޮޑު އެހީއަކަށްވެގެންދެ އެވެ.

މިއަހަރުގެ އެނުއަލް ޓްރިޕްގެ ފައިނަލް އިވެންޓެއްގެ ގޮތުން 20 ކައިޓް ސާފަރުން ވަނީ ނައިވާދޫއިން ކުޅުދުއްފުއްޓަށް ކައިޓްގައި ދަތުރުކޮށްފައި އެވެ. މި އިވެންޓްގައި ބައިވެރިވީކަމުގެ ތަޖުރިބާ ހުރި ސާފަރުންނެވެ. ގާތްގަނޑަކަށް ދޮޅުގަޑިއިރު މިދަތުރަށް ހޭދަވި އެވެ.



ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކައިޓް ސަފަރކަމަށްވާ އަލީ ޝާކިރު (47އ) އެހީތެރިކަން މިފަހަރު ނައިވާދޫން ވަރަށް ބޮޑު ލިބިގެން ގޮސްފައިވާކަން ކުޅުދުއްފުށީ ކައިޓް ބޯޑިންގ ފަރާތުން ފާހަގަކޮށް އޭނާއަށް ޝުކުރުއަދާކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ކައިޓް ސާފަރުންގެ އެނުއަލް ޓްރިޕްތައް މީގެ ކުރިން ހދ ހަނިމާދޫ އާއި ނޮޅިވަރަމްފަރު، މަކުނުދޫ، ހއ ކެލާ، ށ ފުނަދޫ ފަދަ ރަށްރަށުގައި ބާއްވާފައިވެ އެވެ. އެ ޓްރިޕްތަކުގެ ސަބަބުން އެރަށްރަށުގެ ގުދުރަތީ ރީތިކަން އިތުރަށް އިސްތިހާރުވެ މީހުންގެ މެދުގައި މަގުބޫލުކަން އިތުރުވެގެންދެ އެވެ. އަދި އެތަންތަނުގައި ހިންގާ ގެސްޓްހައުސްތަކުން އެ ފޮޓޯތައް ނަގައި ރަށުގެ ރީތިކަން ޕްރޮމޯޓްކޮށްފައިވެ އެބަހުއްޓެވެ.


ރާއްޖޭގައި އެންމެ ދުރު ރާސްތާއަކަށް ކައިޓް ދުއްވައިގެން އެކަމުގެ ރެކޯޑްވެސް އޮތީ ކުޅުދުއްފުށީ ކައިޓް ބޯޑިންގެ އަތުގައި އެވެ. އެއީ މިދިޔަ އަހަރު "ގަމީސް ވައިދަށަށް" ނަމުގައި ކުރިއަށްގެންދިޔަ އިވެންޓެއްގައި ކުޅުދުއްފުށީ- ށ ފުނަދޫއަށް ކައިޓްގައި ދަތުރުކޮށްގެންނެވެ. އެއީ 35 މޭލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355