މި ފެށޭ އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް އަދި މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފި އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ މޫސާގެ ހައްދަވާފައިވާ ޕްރޮޖެކްޝަންގެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އެ ޕްރޮޖެކްޝަން ހިއްސާކުރައްވާ ޑރ. ޝީނާ ވިދާޅުވީ އޮގަސްޓް މަހު ކޮވިޑްގެ ހާލަތު ނުރައްކާ ހާލަތަކަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ދުވާލަކު 170 މިހުންނަށް އަދި މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ސެޕްޓެންބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ނުބެލެވެއެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ސެޕްޓެންބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 293 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
އޮކްޓޫބަރު މަހުގެ ތެރޭގައި 945 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދުވާލަކު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 68 މީހަކަށެވެ. އަދި 189 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ޑރ. ޝީނާ ވިދާޅުވީ ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. ނޮވެންބަރު މަހުގެ ތެރޭގައި ދުވާލަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހެކެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ލޮކްޑައުންގެ ހާލަތަށް ލުއިދިން ފަހުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން ރާއްޖޭން ކޮވިޑް-19 ފެނުން ފަހުން މިއަދަކީ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު އެކަނިވެސް 152 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.