ނިއުޒިލެންޑްގައި ކޮވިޑް-19 ކޮންޓްރޯލްކުރެވި އެ ގައުމުން އެ ބަލީގެ ކޮމިއުނިޓީ ސްޕްރެޑެއް ނުފެންނަތާ މިދިޔަ އާދީއްތަ ދުވަހަށް ވަނީ 100 ދުވަސް ހަމަވެފަ އެވެ.
އެގައުމުގައި އެންމެ ފަހުން ކޮވިޑްގެ ކޭސް އެއް ފެނިފައިވަނީ މިދިޔަ މެއިމަހުގެ 1 ވަނަ ދުވަހު އެވެ. އަދި މި ވަގުތު ތިބި އެކްޓިވް ކޭސްގެ އަދަދަކީ 23 ކަމަށާއި އެ އެންމެންވެސް ތިބީ އައިސޮލޭޝަންގަ އެވެ.
ފެބްރުއަރީ ފަހުކޮޅުން ފެށިގެން ނިއުޒިލެންޑްގައި ކޮވިޑް ފެތުރެން ފެށި ނަމަވެސް އެ ގައުމުން ވަނީ އެހެން ގައުމުތަކާ އަޅާ ބަލާއިރު އެ ބަލި ވަރަށް ރަނގަޅަށް ކޮންޓްރޯލް ކުރެވިފަ އެވެ. އެގޮތުން 5 މިލިއަނެއްހާ އާބާދީއެއް އޮންނަ ނިއުޒިލެންޑުން ފެނިފައިވަނީ 1219 ޕޮޒިޓިވް ކޭސް އެވެ. އަދި ކޮވިޑް ޖެހިގެން އެ ގައުމުން މަރުވެފައިވަނީ 22 މީހުންނެވެ.
އެގައުމުގެ ބޯޑަރު މިދިޔަ މާޗުމަހުގެ 19 ވަނަ ދުވަހު ބަންދުކުރިއިރު، ހަރުދަނާ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އަދި އެކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯ އިންވެސް ވަނީ ފާހަގަކޮށްފައެވެ.
ނިއުޒިލެންޑުންގެ އޮފިސަލުން ފާހަގަކުރާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކޭ އެއްގޮތަށް ނިއުޒިލެންޑްގައިވެސް ކޮވިޑް-19 ދެވަނަ ރާޅެއްގެ ބިރުވެރިކަން އެބައޮތް ކަމަށެވެ. އެހެންކަމުން ކޮވިޑް-19 އަލުން ފެތުރިދާނެ ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ރައްކާތެރިވާން ޖެހޭކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
ނިއުޒިލެންޑްގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދީ އެގައުމުން މިހާރު އަންނަނީ އެ ގައުމަށް އެތެރެވާ މީހުން މޮނީޓަރކޮށް އެ މީހުން 14 ދުވަހުގެ އައިސޮލޭޝަން ފުރިހަމަ ކުރުމެވެ.