twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށިން މާލެއަށް: މިއަހަރުގެ މިހާތަނަށް ބަލި މީހުން އުފުލުމަށް 7 މިލިއަން ރުފިޔާ!

އަބްދުލް ވާހިދު ޙަސަން
Aug 16, 2020
4

ކުޅުދުއްފުށިން މާލެއަށް ބަލި މީހުން އުފުލުގައި މިއަހަރުގެ މިހާތަނަށް 7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށާ އޭގެ ތެރެއިން ގިނަ ބަލި މީހުން މާލެ ގެންދަން ޖެހުނީ ވަރަށް ކުދިކުދި ކަންތައްތަކުގައި ކަން ފާހަގަކޮށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ހެލްތް މިނިސްޓަރު އަބުދުﷲ އަމީންއާ މަޖިލީހުގައި އިތުރު ސުވާލުކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ޔާސިރު އަބުދުލް ލަތީފް ވީދާޅުވީ، މިއަހަރުގެ މީހާތަނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާކުރުމަށްފަހު އިތުރު ފަރުވާއަށް 126 މީހަކު މާލެ ގެންދަން ޖެހުނު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ގިނަ މީހުން ގެންދަން ޖެހުނީ ވަރަށް ކުދިކުދި ކަންތައްތަކުގައި ފަރުވާ ނުލިބިގެން ކަމަށެވެ.

"މިއަހަރުގެ މިއަދާ ހަމައަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެކަނިވެސް އާސަންދަ މެދުވެރިކޮށް 126 ފަރާތެއް މާލެ ގެންދެވިފައިވޭ. އޭގެ ތެރޭގައި 56 ޗާޓަރު ޕްލައިޓް 2 އެއާލިފްޓާއި. މިއީ އެންމެ ކުޑަކޮށްވެސް 7 މިލިއަން ރުފިޔާ، ދައުލަތުން ރައްޔިތުން މީހާ ކުރަން ޖެހޭ ތަކުލީފާއި ހަރަދާ ނުލާ." ޔާސިރު ވިދާޅުވި އެވެ.

މީގެ ތެރެއިން 15 ކޭސްއަކީ، ތިންލައްކަ ރުފިޔާއަށް ލިބޭ ބޭބީ އިންކިޔުބޭޓަރއެއް ނެތުމުން މާލެ ފޮނުވާލަން ޖެހުނު ކޭސްތަކެއްކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި ބްލަންޑްބޭންކެއް ނެތުމުންވެސް ކޭސްތަކެއް ފޮނުވާލަން ޖެހުނުކަމަށެވެ. މިއީ ވަރަށް ކުދިކުދި ކަންތައްތަކެއްކަމަށާއި އެފަދަ މެޝިނަރީޒް އެ ހޮސްޕިޓަލަށް ހަމަކޮށްލެވޭނީ ކިހާތާކުތޯ މިނިސްޓަރު އަމީންއާ ޔާސިރު ސުވާލުކުރެއްވި އެވެ.

އެ ސުވާލުގެ އިތުރުން އަމީންއާ ޔާސިރުވަނީ އިތުރު 2 ސުވާލެއްވެސްކުރައްވާފައި އެވެ. އެއީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ނަރުހުންގެ ދަތިކަމަށް ހައްލެއް ހޯދިފައިނުވާ ސަބަބާއި ކަޑިއޮލޮޖިސްޓްގެ ހިދުމަތް ނުލިބި 10 މަސްވެގެން ދިޔައިރު އެ ހިދުމަތް އަލުން ދެވޭނެ ތާރީހެއް އަދި އެކަން މިހާ ދުވަސްވެފައިވާއިރު ނުވެ އޮތް ސަބަބު ހޯދުމަށެވެ. އަދި އެމައްސަލަ ހައްލުވާނީ ކޮން މަސައްކރއް ކޮށްގެން ތޯވެސް ސުވާލުކުރެވި އެވެ.

ޕޯޓަބަލް ވެންޓިލެޓާރެއް ކޭއާރުއެޗަށް ލިބޭނީ ކޮން ތާރީހެއްގެ ތޯވެސް ޔާސިރު ވަނީ އަމީންއާ ސުވާލުކުރައްވާފައި އެވެ.

މި ސުވާލުތަކަށް މިނިސްޓަރު އަމީން ސީދާ ޖަވާބުދެއްވުމުގެ ބަދަލުގައި ވިދާޅުވީ، ކޭއާރުއެޗުގެ ސިއްހީ ހިދުމަތް ރަނގަޅުކުރަމުން ކުރެވުނު މަސައްކަތަށް ރަށުގެ ރައްޔިތުން ބަލައިގަންނަ ކަމަށާއި އެ ހޮސްޕިޓަލަކީ އަތޮޅުތެރޭގައި ހިދުމަތްދޭ އެންމެ މުހިންމު އެއް ހޮސްޕިޓަލް ކަމަށެވެ.

ވަރަށް ގިނަ މެޝިނަރީޒް ގެނެވި އެހޮސްޕިޓަލުގެ އިންފްރާސްޓަކްޗަރައަށް ގެންނަ ޖެހޭ ބަދަލުތަކާއެކު އެތަނުގެ ޖާގައި ރަނގަޅުވެ މުޅި ޕްރޮޖެކްޓާއެކު އެތަނުގެ ނިމޭނެކަމަށް، ކުރިން އަންދާޒާކޮށްގެން ތިބީ މިއަހަރުގެ މާރޗުމަހުކަމަށެވެ. ނަމަވެސް ދިމާވި މައްސަލައަކާ ހެދި އެމްޓީސީސީއަށް މަސައްކަތް ފެށުނީ ކުޑަތަންކޮޅެއް ލަސްވި ފަހުންކަމަށާ އެސަބަބުތަކާ ހެދި މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާއިރު ނިންމާލެވޭނެކަމަށް ބަލަނީ މިއަހަރުގެ ނޮވެމްބަރަހަމައަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކޭއާރުއެޗުގައި ވަރަށް ބޮޑެތި މަސައްކަތެއް ކުރިއަށްދާކަމަށާއި އިމާރާތަށާއި އެތަނަށް ގެންނަ ޖެހޭ ވަރަށް ބޮޑެތި ބަދަލުތައް އަދި ހާއްސަ ކޮށް އެތަނުގައި ހުރިހާ ވަސީލަތެއް ހުރިކަމުގައިވިޔަސް ކޮންސަލްޓެންސީއަށް ޖާގަ ނުލިބުމުގެ ސަބަބުން ވަރަށް ބޮޑެތި ތަކުލީފެއް ދަތިތަކެއް ލިބޭ ކަމަށެވެ.

"ޖާގަ އަށް އަންނަ ބަދަލުތަކާއެކީގައި މުޅި މައްސަލާގެ ހައްލު އަންނަނީ. ކުޅުދުއްފުއްޓެއް އެކަންޏެއް ނޫން ރާއްޖޭގެ އެތަން މިތަނުން މީހުން ގެންދިއުމަށްޓަކާ އިންތިހާއަށް، އާދަޔާ ހިލާފަށް ހަރަދު ހިނގާފައި އެބަހުރި. އެ ހަރަދުގެ ހައްލު ގެނައުމަށްޓަކާ ކުރެވޭ މަސައްކަތުގެ އެކިއެކި ފިޔަވަޅުތަކުގެ ވާހަކަތައް އަޅުގަނޑު މިދެންނެވީ. ހާއްސަކޮށް ފަސް ސަރަހައްދެއް މިއަންނަ ބަދަލުތައް ގެނެސް ނިންމުމަކީ އޭގެ ހައްލު." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، 2019 ވަނަ އަހަރު ކުޅުދުއްފުއްޓަށް އިތުރުކުރެވުނު ވަސީލަތްތަކާއެކު 2019 ވަނަ އަހަރު ނިމުނުއިރު ކުޅުދުއްފުށިން މާލެއަށް އެކި ފަރުވާއަށް މީހުން އަންނަ ޖެހޭ މިންވަރު 60 އިންސަތައަށްވުރެ ބޮޑަށް ތިރިކުރެވިފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355