ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ސަރަހައްދީ ދެ ބަނދަރުކަމުގައިވާ ކުޅުދުއްފުށި އަދި ހިތަދޫ ބަނދަރު ތަރައްގީކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ޖަމްޝީދު މުހައްމަދު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ކޮޗިން ކާގޯފެރީގެ ހިދުމަތް ފެށުމަށްޓަކާ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ތަރައްގީކުރަން ނިންމި ކަމަށާއި ދެވަނަ ފޭސްގެގޮތުގައި އޭރު ބަނދަރު ތަރައްގީކުރަން ނިންމިކަމުގައިވީނަމަވެސް ނަޝީދުވެރިކަން ބަދަލުވި ހިސާބުން އެ މަޝްރޫއު ހުއްޓިފައިވާ ކަމަށެވެ.
ނަމަވެސް މިސަރުކާރުން އަލުން ކުޅުދުއްފުއްޓާއި ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްގީކުރުމަށް ނިންމާފައިވާކަން އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރުވެސް، މަޖިލިސް މެމްބަރުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެހެންވުމުން އަނެއްކާވެސް ބަނދަރު ތަރައްގީވެ ކޮޗިން ކާގޯފެރީން ސީދާ ބަނދަރަށް ގާތްކޮށް މުދާ ބޭލޭނެކަމުގެ އުންމީދު ބޮޑުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކާގޯފެރީގެ ހިދުމަތް ފެށުމަށް ކުރީ ރައީސް ނަޝީދު އެމަނިކުފާނުގެ ވެރިކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އޭރުން މަޝްވަރާތައް ކުރެވުނީ ކޮޗިން އާއި މަލިކް އަދި ކުޅުދުއްފުށި ގުޅާލުމަށް ކަމަށާއި އަދި އޭރުގެ ޕްލޭން ކުރެވިފައިވަނީވެސް ބަނދަރުގައި އިންޓަނޭޝަނަލް ފެރީ ޓާމިނަލަކާއި ޑޮމެސްޓިކް ޓާމިނަލެއް ގާއިމުކުރުމަށް ކަމަށެވެ.
އަނެއްކާވެސް އެމްޑީޕީއަށް ވެރިކަން ލިބި ރައީސް ސޯލިހްގެ ވެރިކަމުގައި ކޮޗިން ކާގޯފެރީގެ ހިދުމަތް ފެށިގެން ދިޔުމަކީ ރައްޔިތުން 11 އަހަރު ވަންދެން ދެކެމުންދިޔަ ހުވަފެނެއް ކަމަށެވެ. 90 ގެ އަހަރުތަކުގައި މާލޭ ބަނދަރަށް މުދާ ބަލައި އުޅުނީ ބޯޓް ބޭރުގައި ބާއްވައިގެންކަން ފާހަގަކުރައްވަމުން ޖަމްޝީދު ވިދާޅުވީ، ކާގޯފެރީގެ ކުޅުދުއްފުށި ބަނދަރަށް ގާތްކޮށް މުދާ ބެލޭނެގޮތް ސަރުކާރުން ހަދައިދޭނެ ކަމަށެވެ.
ކޮޗިން ކާގޯފެރީގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާ މީގެ ސަބަބުން ވަޒީފާތަކެއް ތިލަދުންމަތީގައި އުފެދޭނެ ކަމަށެވެ. ކާގޯފެރީގެ ސަބަބުން އުތުރަށް ބޮޑެތި ފައިދާތަކެއްވާނެކަމަށް ޖަމްޝީދު ފާހަގަކުރެއްވި އެވެ.
ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީ ޕޯޓް ލިމިޑެޓްގެ ނަމުގައި ކުންފުންޏެއް އުފައްދައި ވަރަށް ޒުވާނުން ޓީމަކުން ވަނީ އެކަން ކުރެވޭނެކަން ސާބިތުކޮށްދީފަކަމަށާ އެ ކުންފުނި ހިންގަން ލިބުނު މަދު ދުވަސްކޮޅު ކުންފުނި ހިންގަމުންގޮސްފައިވަނީ ފައިދާގައިކަމަށް ޖަމްޝީދު ވިދާޅުވި އެވެ. އަނެއްކާ މިއީ އަލުން އެކުންފުނި އުފައްދަންވީ ވަގުތުކަމަށާއި އެކަން ކުރުމަށް ސަރުކާރަށް އިލްތިމާސްކުރައްވާ ކަމަށެވެ.