މާލޭން އައި ފުލުހުންތަކަކާ ކޮންޓެކްޓްވެ ބޮޑު ތިލަދުންމަތީގައި މަސައްކަތްކުރާ 7 ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދާ ކޮންޓެކްޓް ޓްރޭސިންގައި މިހާތަނަށް 180 މީހަކު އެކަހެރިކޮށްފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ކޮޗިން ކާގޯފެރީން ގެނައި މުދާތަކެއް ޗެކްކުރުމަށް ކުއްތާއާއެކު މާލޭން އައި ފުލުހުންތަކެއް ކުޅުދުއްފުށީގެ އިތުރުން، އުތުރުގެ ގިނަ ރަށަކަށް ދަތުރުކޮށް ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި އަތުލައިގަތުމަށް ބައެއް ރަށްރަށުގައި އޮޕަރޭޝަންތައްވެސް ހިންގި އެވެ. ފުލުހުންގެ އެ އޮޕަރޭޝަންތަކުގައި ތިލަދުންމަތީގެ ދިހަ ރަށެއްގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ފުލުހުންގެ މި ކްލަސްޓާއާ ގުޅިގެން ހއ، ހދ އަދި ށ އަތޮޅުން މިހާތަނަށް 180 މީހުން ހޯމް ކަރަންޓީނުކޮށްފައިވާ ކަމަށެވެ.
އަދި ރޭ ދިއްދޫއިން ޕޮޒިޓިވްވި ތިން މީހުންނާއި މިއަދު ފޯކައިދޫއިން ޕޮޒިޓިވްވި މީހަކާއި ގުޅިގެން އެ ދެ ރަށުގައި ކޮންޓެކްޓް ޓްރޭސިން މިހާރު ކުރިއަށްދާ ކަމަށާ ޕޮޒިޓިވްވެފައި ތިބި ބައެއް މީހުންގެ އަލާމާތްތައް ހުރިކަމުގައި ވިޔަސް، އެންމެންގެ ހާލު ވެސް އާންމު ގޮތެއްގައި ރަނގަޅުކަމަށް އަހުމަދު ވިދާޅުވި އެވެ.
މިކްލަސްޓާއާ ގުޅިގެން މިހާތަނަށް 137 ސާމްޕަލެއް ނަގައި ޓެސްޓްކޮށްފައިވާއިރު ޕޮޒިޓިވްވެފައިވަނީ 7 ފުލުހެކެވެ. ފުނަދޫ، ހޯރަފުށި، އިހަވަންދޫ، ބާރަށް، ކުރިނބީ، މިލަންދޫ އަދި ކަނޑިތީމުން ނެގި ސާމްޕަކްތައް ނެގެޓިވެފައިވާއިރު ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުއްޓާއި ދިއްދޫ އަދި ފޯކައިދޫން ނެގި ސާމްޕަލްތަކެވެ.
މި ކްލަސްޓާއާ ގުޅިގެން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލަށް ދެއްކުމުން ހެދި ޓެސްޓުންނެވެ. އޭރު އޭނާ ހުރީ އުފަން ރަށްކަމުގައިވާ ކުރިނބީގައި އެވެ.
މި ވަގުތު ކުޅުދުއްފުށީގައި ޕޮޒިޓިވް ވެފައި ތިބީ ފާޅު ބޯޓް ކޭސްއާއި ގުޅިގެން 4 މީހުންނާއި ޕޮލިސް ކޭސްއާއި ގުޅިގެން 2 މީހުންގެ އިތުރުން ހޯމް ކަރަންޓީނު މުއްދަތުހަމަކުރުމަށްފަހު ނެގި ސާމްޕަލުން ޕޮޒިޓިވްވި 1 މީހެކެވެ.