ޑަބްލިއު ސްޕޯޓްސް އެކަޑެމީ އާއި ހޭންޑްބޯލް އެސޯސިއޭޝަންއާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ބީޗް ހޭޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ޔުނިކް ފުރެންޑްސް އަދި ކަސްޓަމްސް ކާމިޔާބު ކޮށްފި އެވެ.
ދެ ކެޑަގަރީއަކަށް ހުޅުވާލާފައިވާ މި މުބާރާތުގެ ފިރިހެން ޑިވިޝަން ހުޅުވާލެވިފައި ވަނީ އޮފީސްތަކަށެވެ. އަދި އަންހެން ކެޓަގަރީ ހުޅުވާލާފައިވަނީ މުޅިރަށަށެވެ.
މިމަހު 03 ން 08 އަަށް ކުޅުދުއްފުށީ ހިއްކިބިން ސަރަހައްދުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ދެ ކެޓަގަރީގެވެސް ފައިނަލް މެޗްތައް ކުޅެފައިވަނީ މިއަދު ހަވީރު އެވެ.
މިއަދު ކުޅެވުނު ފުރަތަމަ ފައިނަލްއަކީ އަންހެން ކެޓަގަރީގެ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލުކުރީ ޔުނިކް ފުރެންޑްސް އާއި ފެމެލީ ބޭކަރީ އެވެ. މި މެޗު 6-4 ކާމިޔާބުކޮށްފައިވަނީ ޔުނިކް ފުރެންޑްސް އެވެ.
ދެވަނަ ފައިނަލް މެޗުގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރީ ކަސްޓަމްސް އަދި ހޮސްޕިޓަލްގެ ޓީމެވެ. މިމެޗު 15-16 އިން ކާމިޔާބުކުރީ ކަސްޓަމްސް އެވެ.
އަންހެން ކެޓަގަރީގެ ރަނަރަޕް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން މެޑަލް އާއި ޓްރޮފީ ހަވާލުކޮށްފައިވެ އެވެ. އަދި އަންހެން ޗެމްޕިއަން ޓީމަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި މެޑެލް އަދި ޓްރޮފީ ދިނެވެ.
ފިރިހެން ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން މެޑެލް އާއި ޓްރޮފީ ދިންއިރު ޗެމްޕިއަން ޓީމަށްވެސް 2500 ރުފިޔާގެ ފައިސާގެ އިނާމާއި މެޑެލް އަދި ޓްރޮފީ ދީފައިވެ އެވެ.
މީގެ އިތުރުން ދެ ކެޓަގަރީންވެސް އެންމެ މޮޅު 4 ކުޅުންތެރިންނާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ވަނީ ހޮވާފަ އެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ޔުނިކް ފުރެންޑްސްގެ ޝަމްސުނިސާ ހުސައިނާއި ރިޝްފާ އިބްރާހިމްގެ އިތުރުން ޓީމް ނިކަގެ އާއިޝަތު ރިމްޝާ އާއި ފެމެލީ ބޭކަރީ ޓީމްގެ ރާޝިދާ މޫސާ އެވެ. އަދި މި ކެޓަގަރީން އެންމެ ގިނަ ލަނޑު ޖެހި ކުޅުތެރިއަކަށް ހޮވިފައިވަނީ ޓީމް އޮކްޓަޕަސްގެ މަރްޔަމް ޝާދިޔާ އެވެ. އޭނާ ވަނީ 16 ޕޮއިންޓް ކާމިޔާބު ކޮށްފަ އެވެ.
ފިރިހެން ކެޓަގަރީން އެންމެ މޮޅު 4 ކުޅުންތެރިންނަށް ހޮވިފައިވަނީ ކަސްޓަމްސް ޓީމްގެ ފަތުހުﷲ އާދަމައީ މުހައްމަދު އާތިފްގެ އިތުރުން ދިރާގު ޓީމްގެ ޝަމްނޫޒް މުހައްމަދާއި ހޮސްޕިޓަލް ޓީމްގެ އަހުމަދު ދާއޫދެވެ. މި ޑިވިޝަންގެ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަސްޓަމްސްގެ ފަތުހުﷲ އާދަމް އެވެ. އޭނާ ވަނީ 46 ޕޮއިންޓް ކާމިޔާބު ކޮށްފަ އެވެ.
ޑަބްލިއުއެސްއޭ އިން ބުނީ މި މަހު ފަހުކޮޅުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ހޭންޑް ބޯޅަ މުބާރާތެއް އޮންނާނެ ކަމަށެވެ. މިއީ ކުޅުދުއްފުށީ ސްޓޭޑިއަމްއާއި ޑަބްލިއުއެސްއޭ ގުޅިގެން ކުރިއަށްގެންދަން ހަމޖެހިފައިވާ މުބާރާތެކެވެ.